ގދ. ހޯނޑެއްދޫއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވެ، ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ “ސަން”ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯނޑެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެ މީހަކު ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިރޭގެ ވަގުތެއްގައި މި ދެމީހުން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޯޑެއްދޫ އިން ހާލު ދެރަވެފައިވަނީ އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވާ ދެމަފިރިންނެވެ.
ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ފައްސިވެ، އެބަލީގެ ހައި ރިސްކު މީހުންނަށް ޚާއްޞަކޮށް ފަރުވާ ދިނުމަށެވެ. މިވަގުތު އެ ފެސިލިޓީގައި ގއ. ދާންދޫއިން ފައްސިވި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.