ރަށްރަށުގައި އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެދަށުން އިތުރު 3 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.
ހެލްތް މިނިސްޓްރީއިން ވިދާޅުވީ އެމްބިއުލާންސް މިފަހަރު ފޮނުވާފައިވަނީ ހއ.ކެލާއާއި، ގއ.ދާންދުއާއި ގދ.ހޯޑެއްދުއަށެވެ. ގދ.ހޯޑެއްދޫގައި ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގެ ސިއްޙީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީއިންދަނީ ކުރަމުންނެވެ.
ރަށްރަށަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތަކީ، ސިއްޙީ ޚިދުމަތް ހޯދުމަށް އާއްމުން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. މީގެތެރޭގައި އެމްބިއުލާންސް ޚިދުމަތް ކުރިން ނުލިބޭ ރަށްތަކަށްވެސްވަނީ އެމްބިއުލާންސް ފޮނުވާފައެވެ. އެގޮތުން މީގެކުރިން އެމްބިއުލާންސްގެ ޚިދުމަތް ނެތް 4 ރަށްކަމަށްވާ ބ.ފޮޅަދޫ ފެހެންދޫ، ކިހާދޫގެ އިތުރުން ށ. ނޫމަރާއަށް މި މަޝްރޫޢުގެދަށުން އެމްބިއުލާންސް ފޮނުވާފައިވެއެވެ.