ރައީސް ވަހީދު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެން ރައީސް ވަހީދު ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރު ކޮށްފަ އެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅު ދައްކަވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށާ މިއަދު ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށާ މާސްކު ނާޅާ އުޅުނު އެހެން ލީޑަރުންނަށް ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު އެޗްޕީއޭގެ އުސޫލުތަކާއި ހިލާފުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށާ މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދެއްކެވުމަށްޓަކައި ކަމަށެވެ. އެކަން އެގޮތަށް ކުރެއްވީވެސް ވާހަކަ ދައްކަވަން ހުންނެވީ ޕީޕީއެމްގެ އޮފީސްތެރޭގައި ކަމަށްވާތީ އެވެ.

ވަހީދު މިއަދުވެސް ވަނީ ބައެއް ސިޔާސީ ލީޑަރުން މާސްކު ނާޅުއްވާ އާންމު ތަންތަނުގައި އުޅުއްވަނިކޮށް ފެންނަ ފޮޓޯތައް އާންމުވެފައިވާއިރު އެ ބޭފުޅުންނާއި ދޭތެރޭ ފިޔަވަޅު ނާޅުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!