ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރު ފިޔަވާ އެހެން ހުރިހާ މެމްބަރުން މަލީ ބަޔާން ހުށަހަޅައިފިއެވެ.
މަޖިލިސް ގަވައިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި މެމްބަރުގެ މާލީ ބަޔާން މަޖިލިސް ވެބްސައިޓުގައި ޝާއިއުކުރަން ޖެހޭ ކަމަށް ގަވައިދުގައި ބުނެއެވެ.
މިއަދު މަޖިލިސް ވެބްސައިޓުގައި މާލީ ބަޔާން ހުށަހެޅި ހުރިހާ މެމްބަރުންގެ މާލީ ބަޔާން ހާމަކޮށްފައިވާއިރު، މާލީ ބަޔާން ނެތީ ޖާބިރާއި ނަސީރުގެ އެކަންޏެވެ.
އެ ދެ މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވާކަން މަޖިލިސް އިދާރާ އިންވެސް ކަށަވަރުކޮށްދެއެވެ.
މަޖިލިސް ގަވައިދުގައ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، މެމްބަރަކު މާލީ ބަޔާން ހުށަނާޅައިފި ނަމަ، އިތުރު 15 ދުވަސް ތެރޭގައި މަލީ ބަޔާން ހުށަހެޅުމަށް ލިޔުމަކުން މަޖިލީހުގެ އަމީން އާންމު އަންގަން ޖެހެއެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ވިދާޅުވީ، އެ ދެމެމްބަރުންނަށް ލިޔުމުން މިހާރު 15 ދުވަސް ތެރޭ މާލީ ބަޔަން ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ.