ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު އަލީ ރަޝީދު ހުސައިނާއި، ޑރ. މުހައްމަދު އިބްރާހީމް އައްޔަނު ކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.
މިދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ.
އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 55 މެމްބަރުންނެވެ. ޑރ. މުހައްމަދު އިބްރާހިމް ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 63 މެމްބަރުންނެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.