ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ފުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވޭމަންޑޫން ފުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ވިދަޅުވީ، މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު 14:15 އެހާކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއްކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވޭމަންޑޫން ފުރަން އުޅެނިކޮށް އެރަށު ބަނދަރު ސަރަހައްދުން ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ އެކްސްރޭ ނަގައި ބެލިއިރު އޭނާ ހަށިގަނޑުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރިކަން އެނގިފައިވާކަމަށެވެ. އަދި ޑޮކްޓަރުންގެ އެހީތެރިކަމާއެކު އެތަކެތި ނަގައި ބެލިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 8 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!