ހޯނޑެއްދޫ އިން ޕޮޒިޓިވްވި އެންމެންގެ ހާލު ރަނގަޅު

ގދ. ހޯނޑެއްދޫ އިން ޕޮޒިޓިވްވި އެންމެންގެ ހާލު ރަނގަޅުކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަޔާޞް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދިން ހާއްސަ އިންޓަވިޔުއެއްގައި އަޔާޞް ވިދާޅުވީ ހޯނޑެއްދޫ އިން 25 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މިއެންމެންގެ ހާލުވެސް އަދި ރަނގަޅު ކަމަށެވެ. މިއެންމެން ވެސް ތިބީ އެމީހެއް ކަރަންޓީނު ކުރެވިފައިވާ ގޭގައި ކަމަށާއި އަދި ފެސިލިޓީ އަކަށް ނުގެންދެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި 21 މީހުންގެ ކޮންޓެކްޓުންގެ ޢަދަދު މިހާރު 111 އަށް އިތުރުވެފައިވާކަމަށެވެ. މީގެ އިތުރުން އެ މީހުންގެ ތެރެއިން ޢަލާމާތްތައް ފެނިފައިވަނީ 65 މީހުންގެ ކިބައިންކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހޯނޑެއްދޫ އިން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ ސެޕްޓެމްބަރ 3 ވަނަ ދުވަހުއެވެ. އެއީ ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ހަތަރު މީހެކެވެ. އަދި 4 ވަނަ ދުވަހު އިތުރު ދެ ކޭސް ފެނުމަށްފަހު 5 ވަނަ ދުވަހު 19 ކޭސް ފެނިފައިވެއެވެ. އެއާއިއެކު މުޅި ޖުމުލަ އެ ރަށުން 25 ޕޮޒިޓިވް ކޭސް މިހާތަނަށް ވަނީ ފެނިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!