މަސްތުވާތަކެއްޗާ ގުޅިގެން ބޮލީވުޑްގެ އޭ ލިސްޓު ތަރިންތަކެއް ނަން ރިއާ ފަޅާއަރުވާލައިފި؟

ެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުން ކުރި ފަޅައިގެން އައި މަސްތުވާތަކެތީގެ މައްސަލައިގައި ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާ އެތައް ގަޑިއިރެއް ވަންދެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ސުވާލު ކޮށްގެން އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.

28 އަހަރުގެ އެކްޓްރެސް ދިން ބަޔާނުގައި އޭނާ ވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމަށް އެއްބަސް ވެފައެވެ. އަދި މިހާރު ވަނީ އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބަތީއަކީ މަސްތުވާތަކެތި އެތެރެކުރުމުގައި ބޮޑެއް ކަމަށް ވެސް ކިޔައިދީފައި ކަމަށް ‘ޓައިމްސް ނައު’ އިން ބުނެއެވެ. ނަމަވެސް، އެ މަސްތުވާ އެއްޗިއްސަކީ އޭރު ސުޝާންތަށް އައި އެއްޗެހިތަކެއް ކަމަށާއި، އެ އެއްޗެހި ސުޝާންތާ ހަމައަށް ގެނެސްދެމުން އައި އެގޭގެ މެނޭޖަރު ސެމިއުލް މިރަންޑާ އާއި މަސައްކަތު މީހާ ދިޕޭޝް ސާވަންތު ކަމަށް ރިއާ ކިޔައިދީފައިވެއެވެ. އެހެނަސް އަމިއްލައަށް މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށް ރިއާ ބުންޏެވެ.

މީގެ އިތުރުން، ރިއާ މިހާރު ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ބޮލީވުޑްގެ އޭ-ލިސްޓު ތަރިންތަކެއްގެ ނަންތައް ހާމަކޮށްފައި ކަމަށް ‘ޕިންކްވިލާ’ އިން ރިޕޯޓުކުރެއެވެ. ނަމަވެސް އެ ނަންތައް އަދި މީޑިއާއާ ހަމައަށް ތިލަވެފައެއް ނުވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ބޮލީވުޑްގެ ގިނަ ތަރިންނަކީ ޕާޓީތަކުގައި ގަދަޔަށް މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނައަތު ވެސް ވާހަކަ ދައްކާފައިވާ ކަމެވެ. އަދި ކަންގަނާ ވަނީ އެކްޓަރު ރިތިކް ރޯޝަނަކީ “ޑްރަގް އެޑިކްޓެއް” ގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެށުނު މަސްތުވާތަކެއްޗާ ބެހޭ ތަހުގީގުގައި ރިއާގެ ކޮއްކޮ ޝޮވިކް އާއި، ސުޝާންތުގެ ގޭގެ މެނޭޖަރު ސެމިއުލް އަދި މަސައްކަތު މީހާ ދިޕޭޝް ވަނީ ހައްޔަރުކޮށްފައެވެ.