މިނިސްޓަރު ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވައިފި

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) މަގާމުން ދުރުކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު މިއަދު ހަވީރު ވަނީ ،މިހާރު ފައްޔާޒާ ދެކޮޅަށް 30 ސޮއި ހަމަ ކުރެއްވިފައި ވާ ކަމަށާއި އަދި 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށާއި ފައްޔާޒުު ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ ކުރިން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވަނީ ފައްޔާޒަށް ބަހުގެ ވަރުގަދަ ހަމަލަތާކެއް ވެސް ދެއްވައިފައެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ފައްޔާޒު އުޅުއްވަނީ އެމްޑީޕީ ތެރޭގައި “ބްރޯ” އަކަށް ވެގަނެގެންކަމަށާއި، އަދި އެގޮތަށް ނޫޅުއްވަން ފައްޔާޒަށް ނަޝީދު އަންގަވައިފައިވެސްވެއެވެ.

ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ނަޝީދު ފައްޓަވާފައިވާއިރު، ފައްޔާޒަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފައްޔާޒުގެ ދިފާޢުގައި މީގެކުރިންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!