ފެން ރައްކާކުރާ އިތުރު ދެ ތާންގި މާލޭގައި ބަހައްޓަނީ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ “ވޯޓާ ސެކިއުރިޓީ ޕްލޭނިން”ގެ ދަށުން މާލޭގައި ފެން ރައްކާ ކުރާ އިތުރު ދެ ތާންގި ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަޝްރޫއު އަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު އާއި ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ، މަޝްރޫޢުގެ މަޤްސަދަކީ މާލޭގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުންކަމަށެވެ.

އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަންބަރު ކޮށީގައި ބަހައްޓާ މި ދެ ތާންގީއަށް 82 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ އަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީއެއްގައިވެސް 13648 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށެވެ. އަދި ދެ ތާންގީގައި ހަތާވީސް ހާސް ދުއިސައްތަ ނުވަދިހަ ހަ ކިޔުބިކް މީޓަރު ފެން ރައްކާކުރެވޭނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީއިން ބުނާގޮތުގައި އެ މަޝްރޫއު ނިމިގެންދިޔުމުން މާލޭގައި ފެން ރައްކާކުރެވޭ މިންވަރު 50،296 ކިއުބިކް މީޓަރަށް އިތުރުވެގެން ދާނެއެވެ.

އެ މަޝްރޫއު ނިންމާލުމަށް ކަނޑައަޅާފައިވަނީ ތާރީހަކީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ. އެ މަސައްކަތަށް ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!