ޑޮލަރު ވިއްކުމާއި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އޮޅުވާލާ މައްސަލަތައް އިތުރުވެއްޖެ

ޑޮލަރު ދޭނަކަމަށްބުނެ އޮޅުވާލައިގެން މީހުގެންއަތުން ފައިސާ ނަގާ މައްސަލައާއި، ވިޔަފާރިކުރުމަށްފަހު ފައިސާ ދިނުމަށް ހަދާ އޮންލައިން ޓްރާންސެކްޝަންތައް އޮޅުވާލާ މައްސަލަތައް އިތުރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޑޮލަރު ދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު، ޚަބަރުނުވުމުގެ މައްސަލަތަކާއި، އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރިކަމަށްބުނެ ނުބައި ސްލިޕް ޕޮނުވާ މައްސަލަތައް ހުށަހަޅަމުންދާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އޭގެއިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފަރ ކުރުމަށްފަހު ނުބައި ސްލިޕެއް ފޮނުވާ މައްސަލަތައް ވެސް ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. ހާއްސަކޮށް މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތައް އިތުރުވެ ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފަރ ގަބޫލުކުރަން ފެށުމުންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުކަން ފާހަގަކުރައްވައި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ އެ ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ޑޮަލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ވިޔަފާރި ކުރުމަށްފަހު ނުބައި ޓްރާންސްފަރ ސްލިޕް ފޮނުވާ މައްސަލަތައް ވެސް ހުށަހެޅޭ މިންވަރު އިތުރު ކަމަށެވެ. އަދި ޑޮލަރު ހޯދުމަށް މުއާމަލާތު ކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނޭނގުމަކީ މިފަދަ މައްސަލަތަކުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން ފައިސާގެ އެއްވެސް މުޢާމަލާތެއް ހިންގާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްޙަ މައުލޫމާތު ހޯދައި ޔަޤީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތު ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

ފުލުހުން ބުނީ މިދުވަސްވަރަކީ ކޮވިޑްގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްކަމުން، ގިނަ ފަރާތްތަކުން ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިން ޓްރާންސްފަރ ކުރުމާއި ގިނަ ވިޔަފާރިތަކުން ވެސް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ވިޔަފާރިތަކުން ވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު ފައިސާ ޓްރާންސްފަރ ކުރުމަށް ބުނެފައިވާ އެކައުންޓަށް ޖަމާކޮށް ސްލިޕް ފޮނުވި ނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި ފައިސާ ޖަމާވިކަން ޔަގީން ކުރުމަަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!