ސިންގަލް ވިންޑޯގެ ބީލަމުގައި ކޮރަޕްޝަންގެ ޢަމަލެއް ނެތް: އޭޑީބީ

ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމުގެ މަސައްކަތުގެ މަޝްރޫޢަށް އޭޑީބީން ފައިސާ ދިނުން މަޑުޖައްސާލީ އެމަސައްކަތުގެ ބީލަމުގެ މަރުޚަލާގައި ކޮރަޕްޝަނަށް ތުޙުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަވެގެން ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމުގެ މަސައްކަތްތައް ހަވާލުކުރުމަށް ބައިނަލްއަޤްވާމީ ކުންފުނިންތަކުން ބައިވެރިވެވޭގޮތަށް ހުޅުވާލި ބީލަން ކާމިޔާބުކޮށްފައިވަނީ ފިލިޕީންސްގައި ރަޖިސްޓްރީކޮށްފައިވާ “ވެބް ފޮންޓެއިން އޭޝިއާ އިންކް”އާއެވެ.

ފިނޭންސް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހުސައިން ހަމީމް ވިދާޅުވީ މި މަޝްރޫއު އެވާރޑް ކުރުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުން މިނިސްޓްރީން ބަލާފައިވާނީ ބިޑިންގ މަރުޙަލާގައި ހެދި ޓެކްނިކަލް އިވެލުއޭޝަނަށް ކަމަށެވެ. އަދި މިފަދަ މަސައްކަތެއް ކުރެވޭނެ ކަމުގެ ޤާބިލުކަން ހުރިކަން ވެސް އެނގިގެން ދަނީ އެސެސްމަންޓު ހެދުމުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއީ މިނިސްޓްރީން ބަލާ އެންމެ އަސާސީ އެއް މިންގަނޑު ކަމަށެވެ.

އަދި އެހެން ކުންފުނިތަކުން ހުށައަޅާފައިވާ އަގު ހެޔޮ ނަމަވެސް، މަސައްކަތަށް “ކޮލިފައި” ނޫންކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

ލިޔެކިޔުންތަކުގެ މައްސަލައާ ގުޅިގެން ސިންގަލް ވިންޑޯ މަޝްރޫޢަށް އޭޑީބީން މިވަގުތު ފައިސާ ދިނުން މަޑުޖައްސާލިނަމަވެސް، އަލުން އާ ބިޑަކަށް ހުޅުވާލާ މަސައްކަތް ކުރިއަށްގެންދާނަމަ، ކުރިއެކޭ އެއްގޮތަށް ޕްރޮޖެކްޓަށް ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން އޭޑީބީން ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ލީޑް ކޮންސަލްޓަންޓް ސައްޔިދާ އުމަރު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ ބީލަން އުވާލާ، އަލުން ބީލަމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްކަމަށެވެ. އަދި އަލުން ހުޅުވާލާއިރު، ކުރިން ބިޑް ކާމިޔާބުކުރި ކުންފުންޏަށްވެސް ބީލަމުގައި ބައިވެރިވެވޭނޭކަމަށް ސައްޔިދާ ވިދާޅުވެއެވެ.


ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމަކީ އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ވިއުގައެކެވެ.

 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!