ގައުމަށް އެނބުރި ދާ ބިދޭސީންގެ ވަޒީފާގެ ސްޓެޓަސް ކަށަވަރު ކުރަނީ

ރެޕަޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން އެދިފައިތިބި މީހުންނަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްގައި ތިބި މީހުންތޯ ބެލުމަށް އެމީހުންނާ ބެހޭ މައުލޫމާތު އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެމީހުންގެ ވަޒީފާއާ ބެހޭ ސްޓެޓަސް ކަށަވަރު ކުރުމަށް އެމީހުންގެ މައުލޫމާތު އާއްމުކޮށްފައި ވާނެ ކަމަށެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރު ގުޅިގެން ހިންގާ އެ ޕްރޮގްރާމަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތި، ގަވައިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހިންގާ ވޮލަންޓަރީ ޕްރޮގްރާމެކެވެ. 

ނަމަވެސް ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުންދާ ކަމަށާއި، އެމީހުން އެކަމަށް އެދެނީ އެމްޕްލޯއިމަންޓް އެޕްރޫވަލް ނެތް ބައެއް ކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން އެނބުރި ގައުމަށް ދިޔުމަށް ހުށަހަޅާފައިވާ ބިދޭސީންގެ ލިސްޓު ވަނީ އާއްމުކޮށްފަ އެވެ. އެމީހުންނަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ މީހުން ނަމަ އެކަން ބަޔާންކޮށް 15 ސެޕްޓެމްބަރުގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް އެކަން އެންގުމަށް އިއުލާނުގައި ވެއެވެ. 

އެގޮތުން އީމެއިލުގައި ބިދޭސީގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަންޖެހޭނެ އެވެ. 

އެ މުއްދަތުގައި ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ނުކުރާ މީހުންގެ ތެރެއިން ލިސްޓްގައި ހިމެނޭ ބިދޭސީން “ވޮލަންޓްރީ ރެޕަޓްރިއޭޝަން” ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ފޮނުވައި ލެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 6،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ ގައުމަށް ފޮނުވާލައިފައެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!