މި މަހު ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ: ޑރ ޝީނާ

މާލެ ސަރަަހައްދުގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައި އޮތް ނަމަވެސް މި މަހުގެ ފަހުކޮޅުން ފެށިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށްވާން ފަށާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ދެކޮޅު މީޑީއާ ކެމްޕޭންގައި، ޕީއެސްއެމްގައި ޝީނާ ރޭ ވިދާޅުވީ ލޮކްޑައުން އަށް ވަރަށް ބޮޑަށް ލުއި ދީ އަންދާޒާކުރި ވަރަށް ވުރެ ވެސް ބޮޑަށް މާލެ ސަރަހައްދުގައި ބަލި ފެތުރިފައިވާ ކަމަށެވެ. ލުއިތައް ދިނީ އާއްމުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރާނެ ކަމުގެ އުއްމީދާ އެކުގައި ނަމަވެސް ބަލި ކޮންޓްރޯލްކުރަން އާއްމު ދިރިއުޅުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުނު ކަމުގެ ކަންބޮޑުވުން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

“މާލެ ސަރަހައްދުގެ ހާލަތު ދަންނަވަންޏާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފެތުރިފައި. ތަންކޮޅެއް ކުރިން އޮގަސްޓް މަހު އަޅުގަނޑު ޝެއާ ކޮށްލިން ޕްރޮޖެކްޝަންސްތަކެއް. އެސްޓިމޭޓް ކުރެވެޔޭ ސެޕްޓެމްބަރު ފަހުކޮޅު، ޓްރެޖެކްޓެރީއަކަށް ގޮސްފައި ދެން ތިރިވާނެއޭ. އެހެންވީމާ އަދި މި ލެވެލްގައި ދުވަސްކޮޅަކު ހިފަހައްޓާނެ،” ޝީނާ ވިދާޅުވި އެވެ.

“މި މަހުގެ ފަހުކޮޅަށް އަންދާޒާ ކުރެވެނީ ދަށްވާން ފަށާނެ ކަމަށް.”

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް އޮތީ ވަރަށް ބުރަ ބޮޑުވެފަ އެވެ. ކޮވިޑަށް ޚާއްސަކޮށް ހުޅުމާލޭގައި ހެދި ފެސިލިޓީގެ ހުރިހާ އެނދެއް ގާތްގަނޑަކަށް ފުރިފައި އޮތް ކަމަށް ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމައްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަކީ ވީހާވެސް ބޮޑަށް މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުކޮށް އާންމު ދިރިއުޅުމުގެ ކަންކަންވެސް ކުރިއަށްދާނެފަދަ ގޮތަކަށް ބަލައިގެން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށާއި ބަލި ފެތުރުން ބޮޑުތަނުން މަދުނުކުރެވިވަނީ އޭގެސަބަބުންކަމަށެވެ.

މިބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ އުސޫލުތަކަށް ރަނގަޅުގޮތުގައި ތަބާވެގެންކަމަށާއި ވެކްސިނެއް ލިބި ބަލި ކޮންޓްރޯލް ކުރެވެންދެންވެސް ފިޔަވަޅުތަކަށް ތަބާނުވާނަމަ އާބާދީގެ ބޮޑު ބަޔަކަށް ބަލިޖެހި ރަނގަޅުވަންދެން ދޭތެރެދޭތެރެއިން މުޖުމަތަޢުގެ ތެރެއިން ބަލި ފެންނަމުންދާނެކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

މިދިޔަ މާޗްމަހުގެ 7 ވަނަ ދުވަހު ކޯވިޑް-19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވާއިރު މިވީ 6 މަސްދުވަހުގެ ތެރޭގައި 8,584 މީހުންވަނީ ބަލިޖެހިފައެވެ. އޭގެތެރެއިން 5،936 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިބަލީގައި 29 މީހުންވަނީ ނިޔާވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!