ބީއެމްއެލްގެ އިސްވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ވަރަށް ޖަވާބުދާރީނުވާ މައްސަލާގައި އެ ބޭންކްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމް މަޖިލީހުގެ ރައީސަށް ހުށައަޅުއްވައިފިއެވެ.

މައްޗަށްގޮޅީ ދެނުނުދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް، މިކަމާ ގުޅޭގޮތުން އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ގުޅޭގޮތުން ވަރަށް ގިނަ ރައްޔިތުން ގިނަ ޝަކުވާތައް، ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުންދާކަމަށެވެ. އޭގެ ތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީވާންޖެހޭ ވަރަށް ޖަވާބުދާރީނުވުމުގެ މައްސަލަތައް ހިމެނޭކަމަށް ހައިތަމްގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އެ ޝަކުވާތަކަށް ބީއެމްއެލުން އެއްވެސް ވަރަކަށް ޖަވާބުދާރީވާތަން ނުފެންނަކަމަށާއި މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަމަށެވެ. އަދި ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް، ރައްޔިތުން ބައިވެރިވުމާއެކު އެބޭފުޅުންނަށް ސުވާލުކުރެވޭ ގޮތަށް، ކަންކަން އިންތިޒާމްކޮށްދެއްވުމަށް ހައިތަމްގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާފައިވާކަަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ބޭންކުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ ގޮތް ނޭނގޭ އީމެއިލް ނުވަތަ “ފިޝިން އީމެއިލް”ތަކުގެ ސަބަބުން ބީއެމްއެލް އެކައުންޓްތަކުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާފައިވާކަމަށެވެ. ނަމަވެސް އެއީ ބެންކުގެ މައްސަލައަކުން ދިމާވި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!