ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރަމުން އަންނަ މޯލްޑިވް ގޭހުގައި މަސައްކަތްކުރަމުންދާ ބިދޭސީން މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮވިޑްގެ މިދަތި ހާލަތުގައި އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށް ނިކަމެތި ހާލަތެއްގައި އުޅެމުންދަނިކޮށް މޯލްޑިވް ގޭހުން އެ ފުރުސަތު ހުޅުވާލީ ހަމައެކަނި ދިވެހިންނަށެވެ. އެކުންފުނީގެ ސޯޝަލް މީޑިއާގެ ޕޭޖުތަކާއި ގެޒެޓުގައި ވެސް އެކަން އިއުލާންކޮށްފައިވެ އެވެ.
އެކުންފުނިން މިވަގުތު ހޯދަން އިއުލާންކޮށްފައި ވަނީ ގޭސް ޑެލިވަރީ ކުރުމުގައި މަސައްކަތްކުރާނެ ދިވެހިންނެވެ.
މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖަރު އަލީ އިކްރާމްގެ އިރުޝާދުގެ ދަށުން އެ ވަޒީފާތައް ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާއިރު އެތަނުގެ ސީނިއާ މާކެޓިން އޮފިސަރު އައިޝަތު ހަމީދު ވިދާޅުވި ގޮތުގައި ޑެލިވަރީގެ މަސައްކަތަށް ދިވެހިން ނެރެން ބޭނުންވެފައި ވަނީ އެކުންފުނީގައި މިހާރު 100 އެއްހާ ބިދޭސީ މަސައްކަތްތެރިން އެކަމުގައި ހަރަކާތްތެރިވަމުންދާތީ ބިދޭސީންގެ އަދަދުތައް މަދުކޮށް ދިވެހިންނަށް ވަޒީފާތައް ދިނުމަށެވެ.
އެ ހުރިހާ މަގާމަކުން ވެސް ގެއަށް ގެންދިއުމަށް މަދުވެގެން 9،000 ރުފިޔާ ލިބޭނެ އެވެ.
އައިޝާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެކުންފުނިން ޑެލިވަރީގެ މަސައްކަތަށް ދިވެހިން ނެރުމަށް ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ކުންފުނީގެ އެމްޑީ އިކްރާމް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލުމާއި ގުޅިގެން ކުންފުނީގެ އަމާޒަކަށްވީ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން ކުންފުނީގެ މަސައްކަތްކުރާ ބިދޭސީންގެ އަދަދު ގާތްގަނޑަކަށް 30 މަދުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.