ބޯޓުގައި ރޯވި އަލިފާންގަނޑު މުޅިން ނިއްވާލައިފި

ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާގެ ޕްރަދީޕް ބަނދަރަށް ދަތުރު ކުރަމުންދަނިކޮށް، އަވަށްޓެރި ސްރީލަންކާގެ ރަށް ބޭރުން ހާލުގައި ޖެހުނު ޕެނަމާގެ ކާގޯ ބޯޓު – އެމްޓީ ނިއު ޑައިމަންޑްގައި ރޯވި އަލިފާންގަނޑު، މުޅިން ނިއްވާލެވިފައި ވާ ކަމަށް، ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިންޖީންރޫމްގެ ބޮއިލަރެއް ގޮވައިގެން ހިނގި ހާދިސާގައި ރޯވި އަލިފާންގަނޑު މުޅިން ނިއްވާލެވިފައިވަނީ، ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތަކުން ކުރި މަސައްކަތުން، އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.

ހާދިސާ ހިނގުމާއެކު އެކި ގައުމުތަކުގެ ގުޅިފައިވާ ފައުޖުތަކުން ހަރަކާތްތެރިވި ހަލުވި ދުވެލީގެ ނަތީޖާއެއްގެ ގޮތުން ބޮޑު ކާރިސާއަކާ ކުރިމަތިލާން ނުޖެހި ސަލާމަތް ހޯދިފައި ވާއިރު، މި ކަމަށް، ބައިނަލްއަގުވާމީ ސަމާލުކަންވެސް ވަނީ ހުއްޓިފައެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އިންޑިއާއާއި ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއާއި ކޯސްޓްގާޑުން ބުރަ މަސައްކަތްތަކެއް، ކެނޑިނޭޅި ކުރަމުންދިޔައިރު، އެންމެ ބޮޑު ކާމީޔާބެއް ލިބުނީ، ސްރީލަންކާގެ އެއާފޯސްއިން ޑްރައި ކެމިކަލް ޕައުޑާ (ޑީސީޕީ) ބޭނުން ކުރުމުން ކަމަށް، ލަންކާއިން ބުނެއެވެ.

އަލިފާންގަނޑު މުޅިން ނިއްވާލެވިފައި ވީ ނަމަވެސް، ބޯޓު ތެރޭގައި ފިނިހޫނު މިން އަދިވެސް އިންތިހާއަށް މަތިވެފައި އޮތުމާ، ތިމާވެށީގެ ހާލަތަށް ބަލާ، އަލިފާންގަނޑެއް އަނެއްކާވެސް ފަޅައިގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މިފަދަ ހާދިސާއެއް ހިނގާފާނެ ކަމަށްޓަކައި، ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާ އޮތީ އެލާޓުގައި ކަމަށް ޚަބަރު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!