ދުވަސްވުމުގެ އަލާމަތްތަކުން މޫނުގެ ހަންގަނޑު ސަލާމަތް ކުރުމަށް މިގޮތަށް އަމަލު ކުރޭ!

މީހާ އުމުރުން ދުވަސްވާ ވަރަކަށް މޫނުގެ ހަންގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ފަސޭހައިން ފާހަގަވެއެވެ. އަދި މިއީ ވަރަށް ގިނަ އަންހެނުން ހިތާމަ ކުރާ ކަމެއް ވެސް މެއެވެ. އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ރޫޖެހުން ފަދަ ދުވަސްވުމުގެ އަލާމަތްތަކުން ހަންގަނޑު ސަލާމަތްކޮށް، ގިނަ ދުވަސް ވަންދެން ޒުވާންކަންމަތީ ދެމިހުރުމަށް އަމަލު ކުރަންވީ ގޮތްތަކެވެ.

އަވިން ހަންގަނޑު ސަލާމަތްކުރުން

އިރުގެ އަވި ނުވަތަ ޔޫވީ ރޭސް އިން ހީވެސް ނުކުރާވަރުގެ ގެއްލުންތައް ހަންގަނޑަށް ކުރެއެވެ. އަދި ހާއްސަކޮށް މޫނުގެ ހަންގަނޑު އިތުރަށް ނާޒުކު ވުމުން، ހައިޕާޕިގްމެންޓޭޝަނާއި، ސަން ސްޕޮޓް އަދި ރޫޖެހުން ފަދަ ކަންކަން ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން މާ އަވަހަށް ދުވަސްވުމުގެ އަލާމަތްތައް މޫނުން ފާޅުވާން ފަށައެވެ. އެހެންކަމުން، ވީހާވެސް ގިނައިން އަވިން މޫނު ސަލާމަތްކުރެވޭތޯ ބަލާށެވެ. އެގޮތުން އަވިގަދައިރު ބޭރަށް ނުކުންނަމަ ތޮފި އެޅުމަކީ ކުރެވިދާނެ ކަމެކެވެ.

ވިޓަމިން ސީ އާއި އީ އެކުލެވޭ ކާނާ ކެއުން

ވިޓަމިން ސީ އާއި ވިޓަމިން އީ އިން މުއްސަނދިވެފައިވާ ކާނާ އަކީ، ހަންގަނޑުގެ ތާޒާކަމާއި، އުޖާލާކަން ދެމެހެއްޓުމަށް ކާން އެންމެ ރަނގަޅު ބާވަތްތަކެވެ. އޭގެތެރޭގައި ހިމެނެނީ، ނަޓްސް، ޑެއިރީ، ތަރުކާރީ ތެޔޮ، ފެހި ތަރުކާރީ (ފަތް)، ކިވީ، ލުނބޯ ފަދަ އެއްޗިއްސެވެ.

މާ ބޮޑަށް ސްޓްރެސް ނުވޭ!

ސްޓްރެސް ވުމަކީ މީހާގެ ސިފަ ބަދަލުކޮށްލާ ވަރުގެ ކަމެކެވެ. އެގޮތުން އަބަދު ކަމަކާ ހާސްވެ ވިސްނާ މީހެއްގެ މޫނުމަތިން އުޖާލާކަން ގެއްލި، ދުވަސްވުން އަވަސްކޮށްދެއެވެ. ވީމާ، ސްޓްރެސް ވާހެން ހީވާނަމަ އެކަމުން ސަލާމަތްވުމަށް ކަސްރަތުކޮށް، މީހާއަށް އުފާވެރިކަން ގެނުވާ ކަންކަން ކުރާށެވެ. މިސާލަކަށް ޔޯގާ، ކެއްކުން، ކުރެހުން، ދުވުން ފަދަ ކަންކަން ހިމެނެއެވެ.

އަބަދުވެސް މޭކަޕް ސާފުކުރާތި

މޭކަޕަކީ ގިނައިރު ވަންދެން ޖައްސާފައި ހުރުމުން އޭގެ ނޭދެވޭ އަސަރުތައް ހަންގަނޑަށް ކުރާ އެއްޗެކެވެ. އެހެންކަމުން، ގެއަށް އަންނަގޮތަށް މޭކަޕްތައް ފިލުވައި ހަންގަނޑަށް “ނޭވާލުމުގެ” ފުރުސަތު ދޭންވާނެއެވެ. ހާއްސަކޮށް ނިދުމުގެ ކުރިން މުޅި މޫނު ރީތިކޮށް ދޮވެ، ހުރިހާ މޭކަޕެއް ފިލުވައިގެން ނިދުމަކީ ހަންގަނޑުގެ ދުޅަހެޔޮކަމަށް މަޖުބޫރު ކަމެކެވެ.

މޮއިސްޗަރައިޒް ކުރުން

ކޮންމެ މީހަކުވެސް މޫނު ރީތިކޮށް ބެހެއްޓުމަށް، މޮއިސްޒަރައިޒް ކުރަންވާނެއެވެ. އެގޮތުން ފެންވަރައިގެން ނުކުމެ ނުވަތަ ނިދަން ދިޔުމުގެ ކުރިން މޮއިސްޗަރައިޒާއެއް އުނގުޅައިލުމުން، އޭގެ ފައިދާ ހަންގަނޑަށް ކުރެއެވެ.

ގިނަގިނައިން ފެންބުއިން

ދުވާލަކު މަދުވެގެން 8 ތަށި ފެން ނުބޮވޭނަމަ، ހަންގަނޑުން ދުވަސްވުމުގެ އަލާމަތްތައް ފެނުން މާ ގާތެވެ. އެހެންކަމުން، އަބަދުވެސް ގިނައިން ފެންބޮއެ، ހައިޑްރޭޓް ވެގެން ހުރުމަށް ސަމާލުކަން ދޭންވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!