މަސްތުވާތަކެތި ގެންގުޅުން ކަމަށް ރިއާ އެއްބަސްވެއްޖެ!

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ކުރި ފަޅައިގެން އައި މަސްތުވާތަކެތީގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ މައްޗަށް ކުރި ބައެއް ތުހުމަތުތަކަށް އޭނާ އެއްބަސްވެއްޖެއެވެ.

މަސްތުވާތަކެތި ގަނެ، ވިއްކައި، އަދި އޭގެ ބޭނުންކުރި ކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ރިއާ އަށާއި، ރިއާގެ ކޮއްކޮ ޝޮވިކް އަދި ސުޝާންތުގެ ގޭގެ މެނޭޖަރުގެ މައްޗަށް ކުރި ތުހުމަތުގައި ރިއާ ފިޔަވައި ދެންތިބި މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މިއަދު ރިއާ ހާޒިރުކޮށްގެން ކުރި ސުވާލުތަކަށް ޖަވާބުދެމުން، ރިއާ ވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމަށް އެއްބަސް ވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ރިއާގެ ބަޔާނުގައި އޭނާ ބުނިކަމަށް ވަނީ، އޭނާ ހަމައެކަނި މަސްތުވާތަކެތި ގެންގުޅުނީ ކަމަށާއި، ދުވަހަކުވެސް އެ ވިއްކައި އަދި އޭގެ ބޭނުންވެސް ކޮށްފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން ރިއާ ބުނީ، ސުޝާންތުގެ ގެއަށް އައި މަސްތުވާތަކެއްޗެއް ވިއްޔާ އައީ ސުޝާންތަށް ކަމަށާއި، ރިއާ ހަމައެކަނި އެ އެއްޗިއްސާ ހަވާލުވީ ކަމަށެވެ.

 ނަމަވެސް މިކަމާ ގުޅިގެން ރިއާ އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެނަސް ރިއާގެ ވަކީލު މީޑިއާއާ ވާހަކަ ދައްކަމުން ބުނީ، ރިއާ މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާކަން ސާބިތުކޮށްދޭން ލޭގެ ޓެސްޓު ހަދަން ވެސް ތައްޔާރަށް ހުރި ކަމަށެވެ. “އަތުގަ ބިޑި އަޅުވައިގެން ގެންދަން ވެސް ރިއާ ހުރީ ތައްޔާރަށް”.

މިހާރު ކުރިއަށްދާ މަސްތުވާތަކެތީގެ މައްސަލައިގައި، ސުޝާންތުގެ ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ދިޕޭޝް ސާވަންތު ކިޔާ މީހެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ދިޕޭޝް ވަނީ މިއަދު ކޯޓަށް ވެސް ހާޒިރުވެފައި ކަމަށާއި، އޭނާ ދިން ބަޔާނުގައި ސުޝާންތު މަސްތުވާތަކެތި ބޭނުންކުރި ކަމާއި އަދި ބޮލީވުޑު ދޫކޮށްލަން ވިސްނާ ވާހަކަވެސް ދައްކާފައިވާ ކަން ހާމަކުރިއެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެއެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!