ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ދީފިއެވެ.

ފުލުހުން ބުނީ، ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލައިފައިވާ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު އާދިއްތަ ދުވަހު ހައްޔަރު ކޮށްފައިވާކަމަށެވެ. އެ މީހާ ހައްޔަރު ކޮށްފައިވަނީ ތ. ވިލިފުށިންނެވެ.

އޭގެ އިތުރުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ރޯކުރަން އިދިކޮޅު ސަޕޯޓަރަކު ގޮވާލާފައިވަނީ 3 ސެޕްޓެންބަރު ވަނަ ދުވަހު މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެއަޑު ޕްރޮގްރާމުގައެވެ.

 ޗެނަލް13 އިން ބުނީ ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް13 އިން ވަނީ މައާފަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!