ޑރ މައުސޫމަށް މަޖިލީހުން ރުހުން ދީފި

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޑރ މައުސޫމަށް ރުހުން ދޭން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ވޯޓުގެ އިއްތިފާގުން މައުސޫމަށް ރުހުން ދިނުމަށް ވަނީ ފާސްވެފައެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް އެކަން ދިރާސާ ކުރި ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވެސް ނިންމާފައެވެ.

ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު އެންމެ ފުރަތަމަ އެ މައްސަލަ ތަޅުމަށް ގެނައީ މީގެ ދެ ހަފްތާ ކުރިންނެވެ. ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު މައުސޫމަށް ރުހުން ދިނުމަށް ފެންނަ ކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް ތަޅުމާ ހަމައަށް އައި ފަހުން މައުސޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ޤާނޫނީ މައްސަލަތަކެއް މެމްބަރުން ފެންމަތި ކުރެއްވިއެވެ. އެއީ މިނިސްޓަރ ކަމުގެ މަގާމަށް އައްޔަނު ކުރައްވާ އެކަމުގެ ހުވާ ކުރެއްވިއިރު މައުސޫމް ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވުމުންނެވެ. އެއާއެކު އަނެއްކާ ވެސް އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާލިއެވެ.

މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ނިންމީ ޑރ މައުސޫމް އަލުން މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށެވެ. ކޮމިޓީ ރިޕޯޓް މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނިކޮށް މައުސޫމް ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާ އަލުން އެ މަގާމަށް އައްޔަން ކުރައްވާ ހުވާ ކުރައްވާފައެވެ. އަދި މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވިއެވެ.

ޑރ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!