އައްޑޫ ސިޓީގައި ކޮންޓްރެކްޓް ފާމިންގެ މަސައްކަތް ކުރަން ބޭނުންވާ ދަނޑުވެރިންނަށް އެ ފުރުސަތު ހުޅުވާލައިފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއާ ގުޅިގެން އައްޑޫ ސިޓީގައި “ކޮންޓްރެކްޓް ފާމިން”ގެ މަސައްކަތް ކުރަން ބޭނުންވާ ދަނޑުވެރިންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ޢާއްމުކޮށް ހައްދާ ބާވަތްތައް ރާއްޖޭގެ ބާޒާރަށް ވިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ތިބި ދަނޑުވެރިންނަށް އެގްރޯ ނެޝަނަލް ކޯރޕަރޭޝަންއާއި ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، މި މަސައްކަތުގެ ކުރިއަށްދާނީ ކުންފުންޏާއި ދަނޑުވެރިންނާއި ދެމެދު އެއްބަސްވުން ހެދިގެންކަމަށެވެ. މިމަސައްކަތުގެ ދަށުން އެގްރޯ ނެޝަނަލް ކޯރޕަރޭޝަންއިން އުފެއްދުމަށް ކަނޑައަޅާފައިވާ ބާވަތްތައް، އެއްބަސްވެފައިވާ ސައިޒްގެ ބިމެއްގައި އުފެއްދުމަށް ދަނޑުވެރިންނަށް މާލީގޮތުންނާއި ފަންނީގޮތުން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެއެވެ. އަދި ދަނޑުވެރިން އުފައްދާ ތަކެތި އެގްރޯނެޓް ކުންފުނިން ގަތުމަށްފަހު ރާއްޖޭގެ މާރކެޓަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހައްދާ 16 ބާވަތެއް ދަނޑުވެރިން އުފައްދާނެއެވެ. އެ ބާވަތްތަކަކީ ފަތްކެޔޮ، ފަޅޯ، ކަރާ، ބަޓާނާ، ބަރަބޯ، ބަށި، ތޮޅި، ކެބެޖު، ލެޓިއުސް، މެލަން، ކިއުކަންބާ، ދަނޑި އަލުވި، ކައްޓަލަ، ޒުވާރި ކެޕްސިކަމް އަދި ދޮނަޅައެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންއާއި ގުޅިގެން ތަރުކާރީއާއި މޭވާ އުފައްދަން ބޭނުންވާ އައްޑޫގެ ދަނޑުވެރިން އެ އަވަށެއްގެ އަވަށު އޮފީހަށް އީމެއިލް ކޮށްގެން ނަންނޯޓު ކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!