ރިކަވަރީ ލޯނު ސްކީމްގެ ދަށުން 790 މިލިއަނަށް ވުރެގިނަ ރުފިޔާ ދޫކޮށްފި

ކޯވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް “ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން މިހާތަނަށް 790.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

“ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރޭގައި އެސް.ޑީ.އެފް.ސީއިން ދޫކޮށްފައިވާ ލޯނުތަކާއި ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް ހިމެނެއެވެ.

ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސް.ޑީ.އެފް.ސީ މެދުވެރިކޮށެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް 367 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ ޖުމްލަ 522.2 މިލިއަން ރުފިޔާއާއި 7.5 މިލިއަން ޑޮލަރެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 562 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 397 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. އަދި 17 ފަރާތަކަށް ލޯނު ހަމަޖެހިފައިނުވާއިރު، 17 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހު 3 ވަނަ ދުވަހާއި ހަމައަށް އެސް.ޑީ.އެފް.ސީން ލޯނުގެ ގޮތުގައި 1640 ފަރާތަކަށް 268.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ގޮތުން މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!