ހާލަތަށް އަންނަ ބަދަލާ ގުޅިގެން ގެސްޓް ހައުސްތައް ހުޅުވާ ތާރީހު ބަދަލު ކުރަންޖެހިދާނެ: މިނިސްޓްރީ

ކޯވިޑް-19ގެ ހާލަތަށް އަންނަ ބަދަލާ ގުޅިގެން ގެސްޓްހައުސްތައް ހުޅުވާ ތާރީހަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެކަންކުރާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ އަލުން ގެސްޓްހައުސްތައް ހުޅުވުމަށް ތާރީހު ކަޑައަޅާފައި އޮތަސް، އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ގައިޑްލައިންއަކީ ހުރިހާ ފަރާތެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ގައިޑްލައިނެއްކަމަށެވެ. އަދި ފަތުރުވެރިކަން އަލުން އަލާކުރުމަށް ކުރާ މަސައްކަތަކީ އިޤްތިސާދު ނަގަހައްޓަން ކުރާ މަސައްކަތެއް ވިޔަސް އެންމެ މުހިންމު އިސްކަމެއް ދޭނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭނާ ވިދާޅުވިއެވެ.

“ކޯވިޑް-19 ހާލަތައް ހުރިގޮތުން ބަދަލްކުރަންޖެހޭ ފަހަރު ބަދަލްކުރަންޖެހޭނެ. މިހާރު މިއޮތް ތާރީހަކީވެސް އަޅުގަނޑުމެން އަދިވެސް ހަމަ ހާލަތާއި އެއްގޮތައް ރިވިއުކޮށް އަވަސް ކުރަންޖެހިއްޖެޔާ އަވަސްވެސް ކުރާނެ، އަދި ހަމަ ހާލަތު ނިޔާކުރާ ގޮތުން ފަހަރުގަ ހަމަ ލަސްކުރަން ޖެހުމަކީވެސް ކުރަންޖެހިއްޖެ ހާލަތުގައި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އެއްގޮތައް ކުރާނެ ކަމެއް” އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިތަކަކީ ރަށްރަށުގެ މީހުން އަމިއްލަ ފައިސާ އިން ނުވަތަ ލޯނު ނަގައިގެން ކުރާ ވިޔަފާރިތަކެއްކަމުން، ކޯވިޑް-19 ގެ ސަބަބުން ވިޔަފާރި ހުއްޓާލަންޖެހުމުން މިކަން ކުރަމުންދިޔަ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް އެފަރާތްތަކަށް އެހީވުމަށް ޓުއަރިޒަމް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ ބޭންކް އަދި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ވާހަކަދައްކައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެވުނުކަމަށް އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ މިހާރުވެސް ގެސްޓްހައުސްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެދެވެން ހުރި އެހީތެރިކަމެއް އޮޅުން ފިލުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!