ރިސޯޓު މުވައްޒަފުން ރަށަށް ނިދަން ދެވޭ އިސްލާހު ފާސްކޮށްފި

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ގަޑި ނިމުމުން ރިސޯޓްް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.

އަދި ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ އެވެ. އެގޮތުން އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ.

އެ އިސްލާހު ފާސްކުރަން މަޖިލީހުގެ 61 މެމްބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ދުވަހުގެ މަސައްކަތް ނިމުނަސް ރިސޯޓުން ހުއްދަ ނުދޭހާ ހިނދަކު އަދި ފުރައިގެން ދެވޭނެ އިންތިޒާމް ރިސޯޓުން ހަމަ ޖައްސައިނުދޭ ނަމަ ރިސޯޓުގައި މުވައްޒަަފުން މަޑުކުރަން ޖެހުމެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ މީހުންގެ ރަށްރަށަށް އަނބިދަރިންގެ ގާތަށް ނިދަން ދެވޭ ގޮތް ހަދައި ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ވި ވައުދެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!