އެޗްއާރުސީއެމަށް 3 ބޭފުޅަކު އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

އެއީ އާމިނަތު ޝަފާޢަތު ޢަބްދުއްރައްޒާޤާއި, މުއުމިނާ ވަޙީދުގެ އިތުރުން ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ އަށެވެ. ކޮންމެ ބޭފުޅެއްގެ ނަމަށް ވަކި ވަކިން ވޯޓަށް އަހާފައިވާއިރު ޝަފާޢަތު އެޗްއާރުސީއެމްއަށް އައްޔަންކުރަން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވިއެވެ. މުއުމިނާ ވަޙީދަށް 61 ވޯޓު ލިބުނު އިރު ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަށް 59 މެމްބަރުން ވޯޓު ދެއްވިއެވެ.

މި ބޭފުޅުންނާއި އިންޓަރވިއުކުރި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބުނީ މި ތިން ބޭފުޅުންނާއި ކުރެވުނު އިންޓަރވިއުތަކަށާއި ތަޢުލީމާއި ތަޖުރިބާއަށް ރިޢާޔަތްކުރާއިރު، މި ތިން ބޭފުޅުންނަކީ މި މަޤާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ބޭފުޅުން ކަން ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށައެޅުއްވީ އެ ކޮމިޝަނުގެ 3 މެންބަރުން އިސްތިޢުފާ ދެއްވުމުންނެވެ. އަދި އެ ކޮމިޝަންގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު، 12 ސެޕްޓެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައެވެ.

ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އައިމިނަތު އީނާސްގެ އިތުރުން އައިޝަތު އަފްރީން އެވެ. އަދި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނެ އެވެ. 3 މެމްބަރުންވެސް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދަން ފެށުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!