ކައިރި މުސްތަގުބަލެއްގައި ދިވެހި ޕައިލެޓުން ހެލިކޮޕްޓަރު ދުއްވަން ފަށާނެ

ކައިރި މުސްތަގުބަލެއްގައި ދިވެހި ޕައިލެޓުން ހެލިކޮޕްޓަރު ދުއްވަން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، އެ މަސައްކަތް ދިވެހި ޕައިލެޓުންނާއި ހަވާލުކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. 

ޝަމާލް ވިދާޅުވީ ސީދާ ހެލިކޮޕްޓަރުގެ ޓްރޭނިން ހަދާފައި ހުރި މީހަކު ނެތް ނަމަވެސް ޓްރޭނިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެކަމަށް ވަރަށް ގިނަ ގޮސްޖެހުންތައް ހުރިކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ ވަރަށް ފަހުން ހައެއްކަ މީހުން ޕައިލެޓުންގެ ގޮތުގައި ތިބި ކަމަށާއި އެހެން ނަމަވެސް އެމީހުންނަކީ އެކި އެކި އެކަޑަމީތަކުން ތަފާތު ވައްތަރުގެ ޓްރޭނިން ހަދާފައިވާ މީހުން ކަމަށެވެ.

ރާއްޖެއަށް އިންޑިއާގެ ހެލިކޮޕްޓަރު ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން އިންޑިއާއިން ތަމްރީނު ކުރަން ޖެހެެއެވެ.

ނަމަވެސް އޭގެ ފަހުން 10 އަހަރު ވެފައި ވާއިރު މިހާތަނަށް އެންމެ މީހަކުވެސް ތަމްރީނު ކޮށްފައި ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!