ކޯޓު އަމުރު 7 ދުވަސް ތެރޭ އިސްތިއުނާފު ކުރަންޖެހޭ އިސްލާހު ފާސްކޮށްފި

ކޯޓު އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ނިންމާ ނިންމުމެއް އިސްތިއުނާފު ކޮށްފިނަމަ، އިސްތިއުނާފު ކުރި ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ބަލާ ނިންމަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތައް ފާސްކޮށްފައި ވަނީ 59 މެންބަރުންގެ ވޯޓާއެކުއެވެ. ކޯޓު އަމުރެއް ނުވަތަ ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމުން 7 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަން ފާސްކޮށްފައިވާއިރު، ކުރިން ކޯޓު އަމުރެއް އިސްތިއުނާފު ކުރުމުން، އެ މައްސަލަ ނިންމަން ވަކި މުއްދަތެއް ނޯވެއެވެ.

ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅާ، އެ މައްސަލަ ކޯޓުން ބަލާ ނިންމުމުގައި ލަސްކަމެއް އުޅުމުގެ ސަބަބުން ބައެއް މައްސަލަތަކުގައި މީހުން ބަންދު ކުރަން ނުވަތަ ބަންދުން ދޫކޮށްލަން ކޮށްފައިވާ އަމުރުގެ އިސްތިއުނާފު މައްސަލަތައް ދިގު މުއްދަތަކަށް ދިގުލައިގެން ދެއެވެ.

މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި، ހުކުމް އިސްތިއުނާފު ކުރަން ދީފައިވާ މުއްދތަަށް 30 ދުވަސް އިތުރުކުރުން ވެސް ހިމެނެއެވެ. އެހެންކަމުން ދެން ކޯޓުން ކުރާ ހުކުމެއް އިސްތިއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެގޮތުން، ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ނިންމާ ނިންމުމެއް އެ ނިންމާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ.

މިހެން އިސްލާހު ގެނައި ނަމަވެސް، ދައުލަތުން މައްސަލަތައް އިސްތިއުނާފު ކުރަން ދޭ މުއްދަތް ތަފާތެވެ. އެގޮތުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ނިންމާ ނިންމުމެއް 48 ގަޑިއިރު ތެރޭގައި ދައުލަތުން ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!