ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުން ޖިނާއީ ބޮޑު ކުށަކަށް ހަދަން މަޖިލީހުން ފާސްކޮށްފި

ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައަޅައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ޤާނޫނަށް ހުށައެޅި އިސްލާހުތަކާއެކު މަޖިލީހުން ބިލު ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރައާތުގެ ޤާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 59 މެންބަރުންގެ އިއްތިފާގުންނެވެ. ޖިނާއީ އިޖުރައާތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވި ބިލު މަޖިލީހަށް ހުށަހަޅައި ދެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ބިލުގައި ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. ބިލުކޮމިޓީން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ.

ޖިނާއީ ބޮޑެތިކުށްތައް:

* މީހުން މެރުމުގެ ކުށް
* ރޭޕް ކުރުމުގެ ކުށް
* ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
* ޓެރަރިޒަމްގެ ކުށް
* މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
* ޓްރެފިކް ކުރުމުގެ ކުށް
* މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
* އެއްލައްކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭކުށް
* ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
* ރިޝްވަތުގެ ކުށް
* ކޮރަޕްޝަންގެ ކުށް

ޖިނާއީ އިޖުރައާތުގެ ޤާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙުޤީޤު ކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެ ނަމަ، ކޯޓު އަމުރަކާއި ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް ހިމަނާފައިވެއެވެ.

ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ޝަރީއަތެއްނެތި ބަންދުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާ އިސްލާޙް ހިމެނެއެވެ. ޤާނޫނަށް މިހާރު ގެންނަ މިއިސްލާހާއެކު ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށް މިއިސްލާހުގައި ވެއެވެ.

ޤާނޫނަށް ގެެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުން މީހަކާއި ސުވާލުކުރާ ޙާލަތުގައި، އޭނާ އާއި ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަށްވެސް ބިލުގައި ހިމަނާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!