ޕޯސްޓުމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދިނުމަށް ފާސްކޮށްފި

ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކޮމިޓީން ގެނައި އިސްލާހާއެކު އެ ބިލު ފާސްކޮށްފިއެވެ.

މި ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ދެ މެންބަރަކު ދެ އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގެ ތެރެއިން އެއް އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ދެ ވަނަ އިސްލާހެއް ހަމަ އެ ގާނޫނަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ޖުޑީޝަރީ ކޮމެޓީން ވަނީ އެ ދެ އިސްލާހު އެއްކޮށްލައިގެން ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

ދެ ބިލު ހުށަހެޅުއްވިއިރު އެއްވެސް މެންބަރެއްގެ ބިލުގައި ޕޯސްޓު-މޯޓަމް ހެދުމުގެ މާއްދާއެއް ހިމަނާފައި ނުވުމާއެކު ބިލަށް އިތުރު ކޮށްފައިވާ މި މާއްދާއަކީ ކޮމިޓީން ގެނައި އިސްލާހެކެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕޯސްޓް-މޯޓަމްއެއް ހަދަން ވާނީ، މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. މާއްދާގައި ބަޔާން ކުރާ ފަދަ މަރުގެ މައްސަލަތަކާ ގުޅިގެން ހަދާ ޕޯސްޓް-މޯޓަމް ރިޕޯޓު، އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލު ކުރަން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ވެސް ބިލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާޙު ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބަކީ، ގޮތް ނޭނގޭ ގޮތަށް މަރުވެފައިތިބޭ މީހުންގެ މަރުތަކުގެ މައްސަލަތަކާއި ޖިނާއީ ކުށްތަކާ ގުޅުން ހުންނަ ގޮތަށް މަރުވާ މީހުންގެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓް-މޯޓަމް ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިދިނުމުގެ ގޮތުން ކަމަށް ކޮމެޓީން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!