ކަރަންޓީނުވާ މީހުންނަށް ހާއްސަ ޗުއްޓީއެއް ދިނުން ލާޒިމުކޮށް ބިލު ފާސްކޮށްފި

ކޮވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދިމާވެފައިވާ ހާލަތުގައި އަމަލުކުރާނެ ގޮތް ހިމަނާ އެކުލަވާލާފައިވާ އެ ބިލުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުންނެވެ.

އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.

އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ވާނެ ކަމަށްވެސް އެބިލުގައި ވަނީ ބުނެފަ އެވެ. އެގޮތަށް ޗުއްޓީދޭން ޖެހެނީ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުންނެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!