ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމު ސުޕްރީމް ކޯޓަަށް އައްޔަނުކުރަން ރުހުންދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހީމް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މި ދެބޭފުޅުންގެ ނަންފުޅަށް ވަކި ވަކިން ވޯޓަށް އަހާފައިވާއިރު ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެނިވަޑައިގަންނަވާ ކަމަށް 55 މެމްބަރުން ވޯޓު ދެއްވިއެވެ. އެއް މެމްބަރަކު ވަނީ ގާޒީ އަލީ ރަޝީދު ސުޕްރީމު ކޯޓަށް އައްޔަނުކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައެވެ. އެއީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގެވެ.

ޑރ. މުހައްމަދު އިބްރާހީމް ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެނިވަޑައިގަންނަވާ ކަމަށް 63 މެމްބަރުން ވޯޓު ދެއްވިއެވެ.

މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. މަޖިލީހުގެ ރިޔާސަތުން އެކަން އިއުލާން ކުރައްވައި، ޖުޑިޝަރީ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވީ މިދިޔަ ހޯމަ ދުވަހުގަ އެވެ. ހަމަ އެ ދުވަހު ދެ ބޭފުޅުންނަށް ރުހުން ދޭން ކޮމިޓީން ނިންމިއެވެ.

ގާޒީ އަލީ ރަޝީދަކީ ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީއެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ ކުރިން ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!