ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލި ގޮވާލުން ގާސިމް ކުއްވެރިކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވާ ހިތްވަރުދީ ހަދައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައީސްގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

ޗެނަލް13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން މީހަކު ވަނީ ގޮވާލާފައެވެ.

އެމައްސަލަ އާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރައީސް ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަ ޗެނަލް13 އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެެވެ.

އެވާހަކަ ބްރޯޑްކާސްޓް ކުރެވުނީތީ، ޗެނަލް13 އިން ވަނީ މާފަށް އެދިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!