މިކަންތައްތައް ފެންނަންޏާ ލަސްނުކޮށް ބްރޭކަޕް ވާން އުޅޭ!

މީހަކާ ރައްޓެހިވެގެން އެކީގައި އުޅެ ކައިވެންޏާ ހަމައަށް ދެވޭނީ، ދެމީހުން ވެސް އެކަކު އަނެކަކަށް އިހުތިރާމްކޮށް، އަޅާލައިގެން އުޅެންޏާއެވެ. ކޮންމެހެން ލޯބިވާތީއޭ ކިޔާފައި ބައިވެރިޔާގެ ކިބައިން ފެންނަ ނޭދެވޭ ސިފަތައް ނުފެންނަ ކަމަށް ހަދައިގެން ހުރުމުން ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެނެޔޭ ކިޔަސް، އެ އައިބުތައް އައިސް ތިމާއާ ފައި ހަމަ ކުރާނެ ދުވަހެއް އަންނާނެއެވެ. އަދި ތި ގުޅުން ހިތި ގޮތަކަށް ވެސް ނިމިގެން ގޮސްފާނެއެވެ.

އެހެންކަމުން، މި ބުނާ ކަންތައްތައް ފެންނަ ނަމަ ލަސްނުކޮށް “ބްރޭކަޕް” ވުން ބުއްދިވެރިވާނެއެވެ. އޭރުން ދެމީހުން ވެސް ފަހުން ކުރަންޖެހޭ ތަހައްމަލު ކުޑަވާނެއެވެ.

1. ކުރިން ކުރެވޭ އިހުސާސްތަކެއް ނުކުރެވުން. ކަންކަން ހައްލުކުރަން އުޅުނަސް، ކުރިން އޮތް ލޯބި ނެތި ގޮސްފިހެން ހީވާނަމަ ތި ގުޅުން އިތުރަށް ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތް. ލޯތްބަކީ ގަދަކަމުން ވާ އެއްޗެއް ނޫން، އަދި ލޯބި ނެތި އެކީގައި އުޅެން އުނދަގޫވާނެ.

2. ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ބައިވެރިޔާ ތިބާއަށް އަނިޔާކުރުން. ނުވަތަ ތިބާގެ ފައިސާތައް ނަހަމަގޮތުގައި ބޭނުންކުރުން ފަދަ ކަންކަން ކުރާނަމަ، އެމީހެއް ކައިރިން ވީހާވެސް އަވަހަކަށް ސަލާމަތްވާން ވާނެ. އެކަހަލަ ހާލަތެއްގައި ލޯތްބަކީ ބަހަނާއަކަށް ވެގެން ނުވާނެ.

3. ތިބާ ބޭނުންވާ އެތައް ކަމެއް ގުރުބާން ކޮށްގެން، ބައިވެރިޔާ އުފާކޮށްދޭން ޖެހުން. މިހެން ގޮސް އަމިއްލަ ދިރިއުޅުމުގެ އެތައް ކަމަކަށް ބުރޫއަރާނަމަ، އެއީ ގެއްލުންހުރި ގުޅުމެއްގެ އަލާމާތެއް.

4. ތިބާ އެކަނި ގުޅުން ދަމަހައްޓަން މަސައްކަތް ކުރުން. އަދި އެއްވެސް ކަމެއްގައި ބައިވެރިޔާގެ އެއްބާރުލުން ނުލިބޭނަމަ، އެއީ އޭނާ އުޅެން ބޭނުންނުވާ ކަމުގެ ނިޝާނެއް. އެހެންކަމުން އެފަދަ މީހެއް ފަހަތުން މަތިންބައިން އުޅުމުގެ ބޭނުމެއް ނެތް.

5. ކޮންމެ ކަމަކީ ވެސް ވާހަކަ ދައްކައިގެން ހައްލުވާނެ ކަމެކޭ ބުންޏަސް، ތި ދެމެދުގައި ޖެހޭ މައްސަލަތައް ވާހަކަ ދައްކައިގެން ވެސް ހައްލު ނުވުން. އަދި ހައްލުކުރަން މަސައްކަތްކުރާ ކޮންމެފަހަރު ބޮޑު ޒުވާބެއް ކުރަންޖެހި، މައްސަލަ އިތުރަށް ހޫނުވާ ނަމަ އެއީ ދެމީހުންނަށް އެކުގައި އިތުރަށް ނޫޅެވޭނެ ކަމުގެ ނިޝާނެއް.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!