ރަންބީރުމެން މި އަޅަނީ ކޮންކަހަލަ މާސްކެއް؟

ކޮވިޑް-19 ދުވަސްކޮޅު އެންމެންވެސް ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން އާންމުވެފައި ވާއިރު، މަޝްހޫރު މީހުން ފެންނަނީ ތަފާތު ވައްތަރުތަކެއްގެ މާސްކުތަކެއްގައެވެ. އޭގެތެރޭގައި ޑިޒައިނާ ބްރޭންޑުތަކުގެ އަގުބޮޑު މާސްކާއި، ސިއްޙީ ގޮތުން އެންމެ ރައްކާތެރިކަން ލިބޭ މާސްކު ހިމެނެއެވެ.

މިފަހުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރް އަޅާފައި ހުރި ވަރަށް ތަފާތު މާސްކެކެވެ. އެގޮތުން ޑައިރެކްޓަރު ލަވް ރަންޖަންގެ އޮފީހަށް ރަންބީރު ދިޔައިރު ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް އާންމުވިއިރު ފެނުނީ، ކަޅު ކުލައިގެ ކުޑަކުޑަ މާސްކެއް އަޅައިގެން އޭނާ ހުރި މަންޒަރެވެ. އަދި އެ މާސްކު ހުރިގޮތް މަޖާވެގެން، ގިނަ ބަޔަކު މަލާމަތްކޮށްފައި ވެސް ވެއެވެ. އޭގެތެރެއިން ގިނަބަޔަކު ފާހަގަކުރީ، އެ މާސްކުން ރަންބީރުގެ އަނގައާއި ނޭފަތް ކިރިޔަކިރިޔާ ނިވާވާކަމެވެ. އަދި އެފަދަ މާސްކެއް އެޅުމުގެ ބޭނުމެއް ކޮބައިތޯ އެހި މީހުން ވެސް ގިނައެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ފެނުނު މަންޒަރަކީ، ހަމަ އޭގެ މާސްކެއް އަޅައިގެން ޒުވާން އެކްޓަރު އިޝާން ޚައްތަރު ހުރި މަންޒަރެވެ. ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން މުމްބާއީ ގައި ހުންނަ ފިލްމަލާޔާ ސްޓޫޑިއާއަށް ވަދެގެން ދަނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކުން ފެންނަނީ އިޝާން އެ މާސްކާއެކު ދެއަތަށް އަންގިވެސް ލައްވާފައި ހުރި ތަނެވެ.

މިއީ ވަރަށް ފައްކާ މާސްކެއް!

ރަންބީރާއި އިޝާން އަޅައިގެން ހުރި މާސްކު ފެންނަ ފެނުމަށް “ޖޯކު” ވިޔަސް، މިއީ ތި ހީކުރާ ވަރަށްވުރެ ރައްކާތެރިކަން ބޮޑު، މޮޅު މާސްކެކެވެ. އެއީ ކެނެޑާގައި އުފައްދާ، އޯ2 ގެ “މޫންލައިޓް ބްލެކްޝެލް” މާސްކެވެ. މި މާސްކު އެޅުމުން 2.5 މައިކްރޯން ޕާޓިކްލްސް ގެ 98.6 ޕަސެންޓު އެތެރުވުން ހުއްޓުވައިދެއެވެ. އަދި މި އަޅާ އާދައިގެ މާސްކުތަކަށްވުރެ 3 ގުނަ އިތުރަށް ނޭވާލާން ފަސޭހަކޮށްދޭ ކަމަށް ބުނެއެވެ. އެއީ އޭގައި އޯ2 މެކްސް އެއާ ފިލްޓާސް ހިމެނޭތީއެވެ. މަޝްހޫރު މީހުން އެޅިޔަސް، މިއީ އެބުނާހާ އަގުބޮޑު މާސްކެއް ވެސް ނޫނެވެ. އިންޑިއާގެ އަގުން 950 ރުޕީސް އަށް ދޭއިރު، ދިވެހި ރުފިޔާއިން އެއީ އެންމެ 200 ވަރަކަށް ރުފިޔާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!