މި އަހަރު އޮތީ އަކްޝޭ އާއި ވަރުންގެ ކުރިމަތިލުމެއް؟

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ “ލަކްޝްމީ ބޮމްބް” އަޅުވާނެ ދުވަހަކަށެވެ. ކުރިން މި އަހަރުގެ ފިތުރު ޢީދުގައި އަޅުވަން ނިންމާފައި އޮތް ފިލްމު ނޭޅުވި ލަސްވީ، ކޮވިޑް-19 ގެ ސަބަބުންނެވެ.

ނަމަވެސް އިންޑިއާގެ މުނިފޫހިފިލުވުމުގެ ޙަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި، މިހާރު “ލަކްޝްމީ ބޮމްބް” އަޅުވަން ހަމަޖެހިފައި އޮތީ މި އަހަރުގެ ދިވާލީ ދުވަހު، އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ޑިޒްނީ ޕްލަސް ހޮޓްސްޓާ ގައެވެ. ނޮވެމްބަރު 13 ގައި އިންޑިއާ މީހުން ފާހަގަކުރާ ދިވާލީ ދުވަހު މި ފިލްމު އަޅުވަން ނިންމާފައި އޮތް ކަމަށް ރިޕޯޓުކޮށްފައިވާ މަސްދަރުގައި އިތުރަށް ބުނާ ގޮތުގައި، މިހާރު ފިލްމުގެ ނުނިމި އޮތީ ޕޯސްޓު-ޕްރޮޑަކްޝަންގެ މަދު މަސައްކަތްތަކެކެވެ. އަދި އަކްޝޭ މިވަގުތު ޝޫޓް ކުރަމުންދާ “ބެލް ބޮޓޮމް” ފިލްމުގެ މަސައްކަތް ނިމިގެން ލަންޑަނުން އައުމުން ބާކީ ހުރި މަސައްކަތްތައް ނިންމާލައި، ނޮވެމްބަރު 13 ގައި އަޅުވާނެ ކަމަށް ލަފާކުރެއެވެ. އެއީ އަކްޝޭ އޭނާގެ ފިލްމު އަޅުވަން ބޭނުންވަނީ ހާއްސަ މުނާސަބަކާ ދިމާކޮށްފައި ކަމަށްވާތީއެވެ.

ނަމަވެސް މިހާރު ބެލެވޭ ގޮތުގައި، ދިވާލީގައި “ލަކްޝްމީ ބޮމްބް” އަޅުވާނަމަ، ވަރުން ދަވަންގެ ކުރިއަށް އޮތް ފިލްމު “ކޫލީ ނަންބަރު 1” އާ ކުރިމަތިލުމަކަށް ދާންޖެހޭނެއެވެ. ސަބަބަކީ ވަރުންގެ ބައްޕަ، ޑައިރެކްޓަރު ޑޭވިޑް ދަވަން ގެ މި ރީމޭކް ފިލްމު ވެސް އޮންލައިން ޕްލެޓްފޯމެއްގައި އަޅުވަން އޮތީ ހަމަ މި އަހަރުގެ ދިވާލީގައި ކަމަށް ވާހަކަ ދެކެވޭތީއެވެ. ނަމަވެސް ވަރުން އާއި ސާރާ އަލީ ޚާން އެކުގައި ފެނިގެންދާ މި ފިލްމު އަޅުވާނީ އެމެޒޯން ޕްރައިމްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!