ނޫސްވެރިންގެ ޖަމިއްޔާގެ ރައީސަކަށް ހަމްދޫން ހޮވައިފި

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސަކަށް، “މިހާރު”ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫން އަދި ނައިބު ރައީސަކަށް “ވަން އޮންލައިން”ގެ މެނޭޖިން އެޑިޓަރު އަހުމަދު ރިފްޝާން މިއަދު ހޮވައިފި އެވެ.

ނޫސްވެރިންގެ ޖަމިއްޔާގެ އިސް މަގާމްތަކަށް މެންބަރުން ހޮވުމަށް މިއަދު ވަނީ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ..

މި ބައްދަލުވުމުގައި ވަނީ ނޫސްވެރިންގެ ޖަމިއްޔާގެ އެކި އެކި މަގާމްތަކަށް ބޭފުޅުން އައްޔަން ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް ކަމުގެ މަގާމާއި ޖެނަރަލް ސެކެރެޓަރީގެ މަގާމާއި، ބަޖެޓް ސެކެރެޓަރީގެ މަގާމް އަދި އެކްސްކޯގެ މެމްބަރުކަމުގެ މަގާމެވެ. 

ޖަމިއްޔާގެ ޖެނަރަލް ސެކްރެޓަރީއަކަށް، “ސަން” އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފާއި ބަޖެޓު ސެކްރެޓަރީއަކަށް އުއްމީދީ ނޫސްވެރިޔާގެ މަގާމާއި ކޯޓު ކަވަރުކުރުމުގެ ކެޓަގަރީން އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ހޯދާފައިވާ “ޖަޒީރާ” އޮންލައިންގެ ނާޒިމް ހަސަން އަދި އާއްމު މެމްބަރުންގެ ގޮތުގައި ފްރީލާންސް ޖާނަލިސްޓް މުހައްމަދު ޖުނެއިދު އަދި “ސީއެންއެމް”ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދު ހޮވާފައި ވެ އެވެ.

ބައްދަލުވުން ކުރިއަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ކަމަށް ވިއަސް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޓެލެގްރާމް މެދުވެރިކޮށްގެންނެވެ. އެ ބައްދަލުވުމުގައި 130 މެމްބަރުން ބައިވެރިވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!