ޤައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްކާއި އިނާޔަތްތަކުގެ ގަވައިދު ތަސްދީގުކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްކާއި ޢިނާޔަތްތަކުގެ ގަވާއިދު ތަސްދީގުކޮށް، އެގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދު މިމަހުގެ 3 ވަނަ ދުވަހު ޝާއިއުކޮށް، އެ ގަވާއިދަށް ވަނީ އަމަލުކުރަން ފަށާފައެވެ.

ކަރެކްޝަންސްއިން ބުނީ މި ގަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ބަންދުކުރެވޭ މީހުންނަށް ދޭންޖެހޭ އެންމެހާ އަސާސީ ހިދުމަތްތަކާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ ހިދުމަތްތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުމެވެ.

މި ގަވާއިދު ފާސްކުރުމާ ގުޅިގެން، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ޢިނާޔާތްތަކާބެހޭ ގަވާއިދު އަދި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު ބާތިލުވެގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ފާސްކުރެވުނު އައު ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ނަމާދުކޮށް ޤުރްޢާން ކިޔަވައި ރޯދަހިފުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓޭނެ އިންތިޒާމާއި ފާހާނާކުރުމުގެ އިންތިޒާމާއި ނިދާނެ ތަނަކާއި ނިދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. ބޭސްފަރުވާ ކުރުމުގެ އިންތިޒާމާއި ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެއެވެ.

އަދި ޔުނީފޯމާއި އެހެނިހެން އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމާއި މުޖްތަމައުއަށް އަނބުރާ ގެނައުމަށްޓަކާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނޭކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މީގެއިތުރުން އާއިލާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ފޯންކޯލް ދިނުމާއި އާއިލީ ބައްދަލުވުން މަދުވެގެން މަހަކު 1 ފަހަރު 2 ގަޑިއިރަށް ދިނުމާއި، އެކަހެރި ބައްދަލުވުން މަހަކު 1 ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށް ދިނުންވެސް ހިމެނެއެވެ.

މިގޮތުން އާއިލީ ބައްދަލުވުން ވީޑިއޯ ކޯލް މެދުވެރިކޮށްވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ.

ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ފޯރުކޮށްދިނުމާއި މަސައްކަތްކުރާ ގައިދީންގެ އުޖޫރައަށް ބަދަލުގެނެއުމާއި ޖަލުގައި ބަންދުކުރެވޭ ފަރާތްތައް ބައިތިއްބާ ތަންތަނާއި މަސައްކަތްކުރާ ތަންތަން ނިދުމަށް ކަނޑައަޅާފައިވާ ގަޑި ފިޔަވައި އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލިކުރުމާއި ވައި ދައުރުވާގޮތަށް ވެންޓިލޭޝަން ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ގައިދީއެއް ނުވަތަ ބަންދުކުރުވޭ ފަރާތަކީ ބިދޭސީއެއްނަމަ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފަރާތުގެ ގައުމުގެ އެމްބަސީ އަދި ޢާއިލާއަށް ގުޅުމަށް ފޯންކޯލް ދިނުންވެސް ހިމެނެއެވެ.

ކަރެކްޝަންސްއިން ބުނީ ގައިދީންނާއި ބަންދުމީހުންގެ އިތުރުން ޕްރިޒަން އޮފިސަރުން މިގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގްބަލެއްގައި ހިންގުމަށް ޖަލުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!