ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން އައްޑު ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00ން މެންދުރު 12:00ށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާކަމަށެވެ، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްކަމަށް ފާހަގަކޮށް މެޓް އޮފީހުން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

މީގެއިތުރުން މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 6 ފޫޓާ ދެމުދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!