ރަޝްމީއާ ދިމާއަށް ހުތުރު އެއްޗެހި ކިއީ މީހަކަށް ދިނީ ތަފާތު ރައްދެއް!

ޓީވީ އެކްޓްރެސް ރަޝްމީ ދެސާއީ ބިގް ބޮސް 13 ގައި މިދިޔަ އަހަރު އުޅުނުއިރު، އޭނާއަށް ލިބުނު ތަރުހީބާ އެއްވަރަށް ނަފުރަތު ކުރި ބަޔަކު ވެސް އުޅުނެވެ. އެއީ ރަޝްމީއާއި ޓީވީ އެކްޓަރު ސިދާތު ޝުކްލާއާ ދެމެދު އޮތް ރުޅިވެރިކަމުގެ ތެރެއިން، ސިދާތަށް ސަޕޯޓުކުރި މީހުންނެވެ. ނަމަވެސް ބިގް ބޮސް ނިމުނުތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް، ރަޝްމީ ދެކެ ރުޅިއައިސްގެން އުޅުނު ބައެއް މީހުން އަދިވެސް ތިބީ އެގޮތުގައެވެ.

އޭގެތެރެއިން ރަޝްމީގެ ސަމާލުކަން ލިބިފައިވަނީ، އޭނާއާ ދިމާއަށް ހުތުރު ބަހުން އެއްޗެހި ކިޔައި ޓުވީޓު ކުރި މީހެކެވެ. އެގޮތުން އެމީހާ ވަނީ، ރަޝްމީ ބިގް ބޮސް ގައި އުޅުނު 6 މަހު ސިދާތު ޝުކްލާގެ ދިރިއުޅުމަށް ދަތިކުރި ކަމަށާއި، އޭގެ ބަދަލެއްގެ ގޮތުން ރަޝްމީ ހަ ފަހަރު މަރުވާނެ ކަމަށެވެ. ނަމަވެސް މިފަދަ ނަފްރަތުގެ ބަސްތަކަކުން ޓުވީޓުކުރުމުން ވެސް ރަޝްމީ ދީފައިވަނީ ތަފާތު ރައްދެކެވެ.

އެގޮތުން ސަންދީޕް ނަމަކަށް ކިޔާ އެ މީހާއަށް ރިޕްލައި ކުރަމުން 34 އަހަރުގެ ބަތަލާ ވަނީ އޭނާގެ “ހެޔޮ ދުއާތަކަށް” ޝުކުރު އަދާކޮށްފައެވެ. “ތިބާގެ ބިޒީ ދިރިއުޅުމުގައި އަހަރެންގެ މަތިން ހަނދާން ކުރީތީ އުފާކުރަން. ތިކަހަލަ މެސެޖުތައް ކިޔާކިޔާ އަހަރެންގެ އާއިލާ ވަނީ އާދަވެފަ، އެމީހުންނަކަށް ތީގެން އަސަރެއް ނުކުރާނެ. އެކަމަކު އަހަރެންދެކެ ރުޅި އަންނަ މީހުން ވަރަށް އުފާވާނެ ކަންނޭނގެ ތީތި ކިޔާފަ”، ހިނިތުންވެފައި އިން އިމޯޖީއަކާއެކު ރަޝްމީ ލިޔެފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ބިގް ބޮސް 13 ގައި ރަޝްމީއާއި ސިދާތު ގަދަޔަށް ޒުވާބުކޮށްފައި އުޅުނަސް، ޝޯގެ ނިމުމާ ގާތްވެފައި ވަނިކޮށް އަލުން އެކުވެރިކަން ބަދަހިކޮށްފައިވާ ކަމެވެ. އަދި މިހާރުވެސް ސިދާތު އާއެކީ އޮތް ގުޅުން ގޯސް ނޫންކަމަށް ރަޝްމީ ބުނެއެވެ. ބިގް ބޮސް ގެ ކުރިން ރަޝްމީއާއި ސިދާތު ވަނީ “ދިލް ސޭ ދިލް ތަކް” ކިޔާ މަޤުބޫލު ޑްރާމާ ސިލްސިލާއެއްގައި މަސައްކަތްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!