ސޮއި ކޮށްފައި ވަނިކޮށް ޓެލެންޓު ނެއްކަމަށް ބުނެ ފިލްމުން ބޭރުކޮއްލީ ސްޓާ ކިޑް އަކަށް ރޯލުދޭން: ސަމީރާ ރެޑީ

އެއްދުވަސްވަރެއްގައި ބޮލީވުޑު ފިލްމު އިންޑަސްޓްރީގައި ވަރަށްބޮޑު މަޝްހޫރުކަމެއް ހޯދި ސަމީރާ ރެޑީ އަށް އޭރު އިންޑަސްޓްރީއިން ދިމާވި ބައެއް އުދަނގޫތަށް ކިޔައިދީފިއެވެ.

ތިން ފިލްމެއް އޭނާގެ އަތުން ނަގާފައިވާއިރު އެއިން ދެފިލްމު އޭނާގެ އަތުން ނަގާފައިވަނީ ފިލްމުގައި ހަރަކާތްތެރިވާ އެކްޓަރު ބޭނުންވެގެންކަމަށާއި އެއް ފިލްމު އޭނާ އަތުން ނަގާފައިވަނީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ މީހެއްގެ ދަރިއަކަށް ދިނުމަށްޓަކައި ކަމަށްވެސް ސަމީރާ ތުހުމަތު ކުރެއެވެ.

އެ ފިލްމަށް ސޮޔަ ކޮއްފައިވަނިކޮށް ޕްރޮޑިއުސަރު އޭނާ ގެންގޮސް ޓެލެންޓް ނެތްކަމަށްބުނެ ފިލްމުން ބޭރުކޮއްލި ނަމަވެސް އަސްލު ސަބަބު އެގިގެން ދިޔައީ އިންޑަސްޓްރީގެ ތެރޭގައި އުޅޭ ހެޔޮއެދޭ މީހެއްގެ ފަރާތުން ކަމަށް ސަމީރާ ރެޑީ ބުންޏެވެ. އެއީ ކޮން ފިލްމެއްކަން ހާމަކުރަން ބޭނުންނުވާ ސަމީރާ ރެޑީ ބުނެފައިވަނީ އެދުވަހު އަމިއްލަ ނަފްސާމެދުވެސް ޝައްކު އުފެދި މަންމަ ގާތުވެސް ތިމަންނާއަށް ފިލްމު ހަމަ ނުކުޅެވޭނެތޯ ސުވާލުކުރެވުނުކަމަށެވެ.

މުޅި ފިލްމު އިންޑަސްޓްރީއަކީ އެނާއަށް އެތަށް އެއްޗެއް ހޯދައިދިން ތަނެއް ކަމަށާއި އަސްލު ފިލްމު އިންޑަސްޓްރީ ގޯސްކޮށް ބަދުނާމުކުރުމަށް އެއްވެސް ވާހަކައެއް ދަންކަން އޭނާ ބެނުންނުވާކަމަށް ސަމީރާ ބުނެއެވެ. އަދި މިއަދުވެސް ފިލްމު އިންޑަސްޓްރީއަށް އޭނާގެ ބޭނުމެއްޖެހޭ ކޮންމެ ވަގުތެއްގައި ތައްޔާރަށް ހުންނާނެކަމަށްވެސް ސަމީރާ ރެޑީ ބުނެއެވެ.

ސަމީރާ ވެސް އެއްބަސްވާގޮތުގައި ކޮންމެ މީހަކުވެސް ވާހަތަށް ދައްކާ އެމީހެއްގެ މަޤާމު ކަށަވަރުކުރަމުން އެދަނީ މި އިންޑަސްޓްރީއަކީ ވަރަށް ވާދަވެރި ތަނަކަށްވާތީއެވެ.

ސަމީރާ ރެޑީ އަކީ މޭ ދިލް ދޭޗުކޭ ސަނަމް އަދި ނޯ އެންޓްރީ ފަދަ ފިލްމުތަކުން ފެނިގެންގޮސްފައިވާ އެކްޓްރެސްއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!