ޗެނަލް13ގެ މައްސަލަ ބްރޮޑްކޮމްއިން ބަލަނީ

ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލައި ޗެނަލް13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކަތަކަކާ ގުޅިގެން އެ މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ރައީސް ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަ ޗެނަލް13 އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެެވެ.

އެކަމާ ގުޅިގެން ޗެނަލް13 އިން ވަނީ މާފަށް އެދިފައެވެ. އެގޮތުން ޗެނަލް13އިން ބުނީ، އިއްޔެ މެންދުރު 1:00 ގައި އެ ޗެނަލުން ބްރޯޑްކާސްޓު ކުރި “ރައްޔިތުންގެ އަޑު” ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

އެމީހާއެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައި ވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާ ހިލާފް ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!