ތައިމޫރު ލިބެން އުޅުނުއިރު ވަރަށް ބޮޑަށް ފަލަވި، މިފަހަރު އެހެން ވާކަށް ބޭނުމެއް ނޫން: ކަރީނާ

ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރް ޚާން ދެވަނަ ދަރިއަށް ބަލިވެ އިން އިރު، އޭނާގެ ފޭނުން އިންތިޒާރު ކުރަމުން އަންނަނީ އޭނާ ވިހާނެ ދުވަހަކަށެވެ. އެއީ އަންނަ އަހަރު ކަމުގައި ވިޔަސް، ކަރީނާ ވަނީ ދެވަނަ ފަހަރަށް ބަލިވެ އިނުމާ ބެހޭގޮތުން ދާދިފަހުން ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން މަޝްހޫރު ލިޔުންތެރިޔާ އަދި ނޫސްވެރިޔާ އަނުޕަމާ ޗޯޕްރާއާ ވާހަކަ ދައްކަމުން 39 އަހަރުގެ ބަތަލާ ބުނީ، ބަލިވެ އިނަސް އޭނާގެ ޕްރޮފެޝަނަލް މަސައްކަތްތަކަށް ބަދަލު ނާންނަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާހެދި ބޭރަށް ދިޔުން ރައްކާތެރި ނޫންކަމުން މަސައްކަތްތައް ނިންމަނީ ގޭގައި އިނދެގެން ކަމަށް ކަރީނާ ބުންޏެވެ. އެގޮތުން ގޭގައި އިނދެގެން އިސްތިހާރުތަކަށް ޝޫޓުކުރުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް ކަރީނާ ބުންޏެވެ. އެހެނަސް މިފަހަރު ބަލިވެ އިންއިރު ކޮވިޑް-19 ގެ ސަބަބުން ހާލަތް ބަދަލުވެފައި އޮތުމުން އާއިލާއިން ކޮންމެވެސް ވަރަކަށް ކަންބޮޑުވާ ކަމަށް ބުންޏެވެ. “ތައިމޫރަށް ބަލިވެ އިންއިރާ މިފަހަރާ ވަރަށް ތަފާތު. އެކަމަކު މި ބަލިމަޑުކަން ސީރިއަސް ކޮށް ނަގައިގެން، ދުޅަހެޔޮކަންމަތީ ހުރުމަށް މިފަހަރު ސަމާލުކަން ދޭނަން.” ކަރީނާ ފާހަގަކުރިއެވެ.

މީގެ އިތުރުން އޭނާ ބުނީ ކުރީ ފަހަރު ބަލިވެ އިންއިރު ފަރުވާ ކުޑަކޮށްލެވުމުގެ ސަބަބުން 25 ކިލޯ އިތުރުވި ކަމަށާއި، މިފަހަރު އެހެން ވާން ބޭނުން ނުވާ ކަމަށެވެ. “އެފަހަރު ވީ ގޮތަކީ، އަލަށް ބަލިވެ އިނީމަ އެކަމާ އުފާވެފަ ހުރިލެއް ބޮޑުކަމުން ކަންނޭނގެ އެއީ. އަނެއްކޮޅުން އެންމެން އަހަންނަށް އެވަރަށް ކާންދޭ. ލައްޑޫއާ، ފަރާޓާއާ، ކިރާ އޭތި މީތި އިރުއިރުކޮޅާ ގެނެސްދޭނެ. އެކަމަކު މިފަހަރު އަހަރެން ބުނެފަ އޮންނާނީ، މިއީ އަހަރެން އަލަށް ކުރާ ކަމެއް ނޫނޭ، އެހެންވީމަ އަހަރެންގެ ހަށިގަނޑަށް ބޭނުންވާ އެއްޗެހި އަމިއްލައަށް އެނގެޔޭ”، ކަރީނާ ކިޔައިދިނެވެ. އަދި އޭނާ ބުނީ، ބަލިވެ އިންނައިރު ދެމީހުންނަށް (އަމިއްލަ މީހާއާއި ބަނޑުގައި އޮތް ދަރިފުޅަށް) ވާވަރަށް ކާންޖެހޭ ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ. “އަހަރެންގެ ޑޮކްޓަރު ވެސް ބުނީ އެއީ މުޅިން ކުށްހީ އެކޭ”.

ކަރީނާ އިތުރަށް ކިޔައިދިން ގޮތުގައި، ކޮއްކޮއެއް ލިބެން އުޅޭކަން ތައިމޫރަށް ވެސް މިހާރު އެނގޭ ކަމަށާއި، އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

ކަރީނާ އާއި ސައިފް އަލީ ޚާންގެ ކައިވެންޏަށް ދެވަނަ ކުއްޖެއް ލިބެން އުޅޭއިރު، އަލަތު ދަރިފުޅު ތައިމޫރަށް މި އަހަރު 4 އަހަރު ފުރޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!