ސުޝާންތް ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ކޮއްކޮ ޝޯވިކް ޗަކްރަބޯޓީ އާއި ސުޝާންތުގެ ގޭގެ މެނޭޖަރު ސެމުއެލް މިރާންޑާ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ހައްޔަރު ކޮށްފިއެވެ.
ސުޝާންތުގެ މަރާއި ގުޅިގެން އެދެމީހުން ހައްޔަރު ކޮށްފައި މިވަނީ ދާދި ފަހުން ރިއާގެ ހުރިހާ ޗެޓްލޮގު ތަކެއް ހޯދުމުގެ މަސަތްކަތުގެ ތެރެއިން އޭނާގެ ވަޓްސްއެޕް ޗެޓްލޮގަކުން ހާމަވެގެންދިޔަ މައުލޫމާތުންނެވެ. އިންޑިއާގެ އެންފޯސްމެންޓް ޑިކްޓޮރޭޓްއިން ސީބީއައި އާއި ނާކޮޓިކްސް ޑިޕާޓްމެންޓާއި ހަވާލު ކޮށްފައިވާ ޗެޓްލޮގު ތަކުން ހާމަވެގެންގޮސްފައިވަނީ ރިއާ މަސްތުވާތަކެތި ގަނެވިއްކުމުގައި ޝާމިލްވެފައިވާ ކަމެވެ.
އެ ޗެޓުލޮގު ތަކުން އެނގުނު ގޮތުގައި ރިއާ ވަނީ ސުޝާންތުއަށް ނޭނގި އޭނާއަށް ޑްރަގް ދީފައެވެ. އަދި އެ ޑްރަގް ޑީލާ ކައިރިން ރިއާ ވަނީ އެ ބޭނުން ކުރާނެ ގޮތުގެ ތަފްސީލުވެސް އޮޅުން ފިލުވާފައެވެ.
މިކަންތައްތަކާއި ގުޅިގެން ރިއާގެ އިތުރުން އޭނާގެ އާއިލާ މީހުންނާއި ރިއާގެ ޗެޓްލޮގްތަކުން ވާހަކަދައްކާފައިވާ ބައެއް މީހުންވެސް ފުލުހުން ވަނީ ތަހުގީގަށް ގެނެސްފައެވެ. ތަހުގީގުގެ ތެރެއިން ޑްރަގް ޑީލަރެއް ވަނީ ރިއާގެ ކޮއްކޮ ޝޯވިކް އާއި އެކު ޑްރަގުގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ޝޯވިކް އާއި ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ އޭނާގެ ދައްތަ ރިއާގެ އެދުމުގެ މަތިން ޑްރަގުގެ މުއާމަލާތްތަކެއް ކުރިކަމަށް އެއްބަސް ވެފައެވެ. އެކަމާއި ގުޅިގެން ޝޯވިކް ހައްޔަރު ކޮށްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
މީގެއިތުރުން ސުޝާންތުގެ ގޭގެ މެނޭޖަރު ސެމުއެލް ވެސް ވަނީ ރިއާގެ އެދުމުގެ މަތިން ޑްރަގުގެ މުއާމަލާތްތަކެއް ކުރިކަމަށް އެއްބަސް ވެފައެވެ.