ރައީސް ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ޗެނަލް13 އިން މާފަށް އެދިއްޖެ

ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލައި ޗެނަލް13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކަތަކަކާ ގުޅިގެން އެ ސްޓޭޝަނުން މާފަށް އެދިއްޖެއެވެ.

ޗެނަލް13އިން ބުނީ، އިއްޔެ މެންދުރު 1:00 ގައި އެ ޗެނަލުން ބްރޯޑްކާސްޓު ކުރި “ރައްޔިތުންގެ އަޑު” ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

އަދި އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ. 

އެ ސްޓޭޝަނުން އިތުރަށް ބުނީ ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރުދީ، ގާނޫނާއި ހިލާފް ކަންކަން ކުރުމަށް ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ އެވެ.

އެކަމާއި ގުޅިގެން ޗެނަލް13 އިން މައާފަށް އެދުނުއިރު އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް މިހާރު އެކަމާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!