ޖަލުގައި ބަންދު ކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަން ޖެހޭ ގޮތުގެ ޤަވާއިދު ކަނޑައަޅައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަން ޖެހޭ ގޮތުގެ ގަވައިދު ތަސްދީގު ކޮށްފިއެވެ.

ކަރެކްޝަނުން ބުނީ އެ ސަރވިސްގެ ޤަވާއިދު ނަންބަރު: R-80/2020 (ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު) އަށް ބުރާސްފަތި ދުވަހު އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އަދި މި ގަވައިދު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓާއި ކަރެކްޝަންގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.

ކަރެކްޝަނުން އިތުރަށް ބުނީ މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދު ކޮށްފައި ތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖެހޭ ގޮތާއި، ކުރުން މަނާކަންތައްތައް ކަނޑައެޅުމާއި، އެކަންކަން އަންގައި ދިނުން ކަމަށެވެ. އަދި މި ޤަވާއިދު ފާސްކުރުމާ ގުޅިގެން، ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުޞޫލު ބާޠިލު ވެގެންދާނެ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

މި ޤަވާއިދުގައި އަމަލު ކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ޖަލުގައި ބަންދުކުރެވޭ ކޮންމެ މުސްލިމަކު ކޮންމެ ދުވަހެއްގެ ފަރުޟު ފަސް ނަމާދުކުރުމާއި ކީރިތި ޤުރުޢާން ކިޔެވުމާއި ފަރުޟު ރޯދަހިފުމުގެ އިތުރުން ދީނީ އެހެން އަޅުކަންތައް ބަރާބަރަށް އަދާކުރަން ޖެހޭނެއެވެ. އަދި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމިއްލަ ސާފުތާހިރުކަމަށާއި އުޅޭ ތަނުގެ ސާފުތާހިރު ކަމަށް އިސްކަން ދިނުމާއި އަދަބުވެރިކަމާއިއެކު ޖަލު އޮފިސަރުންނަށާއި ބަންދުކޮށްފައި ތިބޭ އެހެން ފަރާތްތަކަށް މުހާތަބު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ޤައިދީންނާއި ބަންދު ކުރެވޭ އެއްވެސް ފަރާތެއް ކުރަން ނުވާ ކަންތައްތައް ތަފްޞީލުކޮށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!