ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާގެ “ފްލައިމީ” ން ބައިނަލްއަގްވާމީ ދަތުރުތައް މިއަދު ފަށައިފި އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ ބައިނަލްއަގްވާމީ ދަތުރުތައް ފެށުމަށް އެ ކުންފުނިން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ހުއްދަ ލިބުމާ އެކު، ސްރީ ލަންކާގެ ކޮލަމްބޯ އަށް ޗާޓަރު ދަތުރެއް ކޮށްފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ ދަތުރުތައް ފަށަން ބޭނުންވާ އެއާ އޮޕަރޭޓިން ސެޓްފިކެޓް (އޭއޯސީ) ވިލާ އެއާ އަށް ލިބުނީ އިއްޔެ އެވެ.

ވިލާ އެއާ އިން ބުނީ، ބައިނަލްއަގްވާމީ ފުރަތަމަ ދަތުރު ކޮލަމްބޯގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ކުރި ނަމަވެސް ކުރިމަގުގައި އެއާލައިން އުދުހޭނީ އެ ގައުމުގެ ރަތުމަލަނާ އެއާޕޯޓަށް ކަމަށެވެ. ލަންކާގެ ބޯޑަރު ހުޅުވާލުމާއެކު ޕެސެންޖާ ދަތުރުތައް އެ އެއާޕޯޓަށް ފަށާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

“މި މަސައްކަތުގައި އަޅުގަނޑުމެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. މިއަދު ފުރަތަމަ ދަތުރު ފެށުމަކީ މުޅި ކުންފުންޏަށް ވެސް ލިބުނު އުފަލެއް. މީގެ ސަބަބުން ރާއްޖޭން ކޮލަމްބޯ އަށް ދާ މީހުންނަށް އިތުރު ފަސޭހަތަކެއް ވާނެ،” ނާޝިދު ވިދާޅުވި އެވެ.

ލަންކާގެ އިތުރުން އިންޑިއާ އަށް ވެސް ދަތުރުތައް ފެށުމަށް ފްލައިމީން މަސައްކަތް ކުރެ އެވެ. އެހެންވެ، އަންނަ ނޮވެމްބަރު މަަހު މާލެެ އާއި އިންޑިއާއާ ދެމެދުގެ ދަތުރުތައް ފެށޭވަރު ވާނެ ކަމަށް ވިލާ އެއާ އިން ބުނެ އެވެ.

ބައިނަލްއަގްވާމީ ދަތުރުތަކުގައި މިހާރު އުދުހެނީ ވިލާ އެއާ އިން އެތެރޭގެ އުދުހުންތަކަށް ވެސް ބޭނުންކުރާ އޭޓީއާރު ފްލައިޓުތަކެވެ. ނަމަވެސް އަންނަ އަހަރު ބޮޑެތި ބޯޓުތައް ގެންނާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާމިގިލި އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ކުރާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!