ތެޔޮ ޓޭންކަރުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

ގިނަ އަދަދަކަށް މުދާ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާގެ ޕޯޓް އޮފް ޕްރަދީފަށް ދަތުރު ކުރަމުންދަނިކޮށް، އަވަށްޓެރި ސްރީލަންކާގެ އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ ކާގޯ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ރަޝިއާއާއި އިންޑިއާގެ އަސްކަރީ ފްލީޓްތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ޑި ސިލްވާ ވިދާޅުވީ، 270000 ޓަނުގެ ސާފު ނުކުރާ ތެލާ، 1700 ޓަނުގެ ޑީސަލް ބަރުކޮށްގެން ކުވައިތުން ފުރައިގެން ދަތުރު ކުރަމުންދިޔަ ނިއު ޑައިމަންޑް ކާގޯ ބޯޓު ހާލުގައި ޖެހުނު ކަން އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ހާލުގައި ޖެހިފައިވާ ސުޕާކާގޯ ބޯޓުގައި ފަޅުވެރިންގެ ގޮތުގައި ތިބީ ފިލިޕީންސްގެ 19 މީހަކާ، ގްރީސްގެ 5 މީހެކެވެ. 1 ފަޅުވެރިއަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އިތުރު މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ޕެނަމާ ދިދާގައި ދަތުރު ކުރަމުންދާ މި ބޯޓުގައި ދެން ތިބި ހުރިހާ ފަޅުވެރިން ސަލާމަތް ކޮށްފައި ވާ ކަމަށް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން މައުލޫމާތު ދެއެވެ.

އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ސަންގަމަންކަންޑީ ޕޮއިންޓުގެ ގާތްގަނޑަކަށް 60 ކިލޯމީޓަރު ރަށް ބޭރުގައި ރޯވެފައިވާ ކާގޯ ބޯޓުން ތެޔޮ ލީކުވުމުގެ ބިރެއް މިވަގުތު ނެތް ކަމަށް ޑި ސިލްވާ ވަނީ ވިދާޅުވެފައެވެ. އަލިފާން ރޯވެފައިވަނީ ކާގޯ ހުންނަ ސަރަހައްދުގެ ބިއްދޮށުން ކަމަށާ، ކާގޯގައި ހުޅު ހިފާ، ތެޔޮ ލީކުވުމުގެ ހާދިސާއެއް ނުހިނގާނެ ކަން ކަށަވަރު ކުރުމަށް އިންޑިއާގެ ފްލީޓްތައް ހަރަކާތްތެރިވަމުން ދާ ކަމަށްވެސް ޑި ސިލްވާ ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ރޯވެފައިވަނީ ބޯޓުގެ އިންޖީން ރޫމްގައެވެ.

ސްރީލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީއިން ވަނީ، ބޯޓުން ތެޔޮ ބޭރު ނުވާނެކަން ކަށަވަރު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ. ސިންގަޕޫރުގައި އޮޕަރޭޓް ކުރަމުންދާ ޝިޕްބްރޯކާ ބީއާރްއެސް ބެކްސީގެމެނޭޖިންގް ޑައިރެކްޓާ އަޝޯކް ޝަރުމާ ބުނީ، މިފަދަ ހާދިސާއެއްގައި ކަނޑަށް ތެޔޮ ލީކުވެއްޖެނަމަ، ތިމާވެށީގެ ކާރިސާއެއް އުފެދިދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!