ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާ މަސައްކަތްކުރަމުން ދިޔަ ޕްރޮޖެކްޓްތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތަށް އުފަން 34 އަހަރުގެ އެކްޓަރު ކޮވިޑަށް ޕޮޒިޓްވީ ޑައިރެކްޓަރު މެޓް ރީވްސްގެ “ދަ ބެޓްމޭން” ގެ ޝޫޓިން ލަންޑަނުގައި ކުރިއަށް ދަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އެ ފިލްމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ މެދު ތެރޭގައި އަލުން ފެށީ ވެސް ކޮވިޑާ ހެދި ހައެއްކަ މަސްވަންދެން ޝޫޓިން މެދުކަނޑާފައި އޮތުމަށް ފަހު އެވެ.
ބެޓްމޭންގެ ރޯލް މުޅިން އަލަށް ޕެޓިންސަން ކުޅޭ ފިލްމުގެ ޝޫޓިން އޭނާ ބަލިވެގެން މެދުކަނޑައިލަން ޖެހުނު އިރު، ކޮވިޑާ ހެދި ޝޫޓިން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމު ރިލީޒްކުރުން ވެސް އޮތީ ފަސްކޮށްފަ އެވެ.
“ޓްވައިލައިޓް” ސާގާ އިން މަޝްހޫރުކަން ހޯދި ޕެޓިންސަން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަން ފެށި އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ދަ ޑެވިލް އޯލް ދަ ޓައިމް” ހިމެނެ އެވެ.