ކަންގަނާއަށް ފާޑުކިޔުމުން ފަރާ ޚާން ބްލޮކް ކޮށް، ނުސީދާކޮށް ބަހުގެ ހަމަލާ ދީފި

ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު އަކީ ޓުވިޓާ މެދުވެރިކޮށް ނުފޫޒުގަދަ ފަރާތްތަކަށް ވަރަށް ފާޅުކޮށް އެއްޗެހި ކިޔަމުން އަންނަ ތަރިއެކެވެ. ނަމަވެސް ދާދިފަހުން މުމްބާއީ ފުލުހުންގެ އަގުވެއްޓޭ ފަދަ ގޮތަކަށް ކަންގަނާ ކުރި ޓުވީޓާ ދޭތެރޭ ހިތްހަމަނުޖެހިގެން މަޝްހޫރު ޖުވެލެރީ ޑިޒައިނާ ފަރާ ޚާން އަލީ ވަނީ ކަންގަނާއާ ދެކޮޅަށް ޓުވީޓު ކޮށްފައެވެ.

އެގޮތުން މުމްބާއީ ފުލުހުންގެ އެއްވެސް އިތުބާރެއް ނެތް ކަމަށާއި، އެއީ ކޮރަޕްޓުވެފައިވާ ތަނެއް ކަމަށް ސިފަކޮށް ކަންގަނާ ކޮށްފައިވާ ޓުވީޓާ ދެކޮޅަށް ފަރާ ބުނީ، ކަންގަނާ އަކީ ކިތަންމެ ބޮޑު ތަރިއަކަށް ވިޔަސް، މުމްބާއީ ފުލުހުންނާ ދެކޮޅަށް އެއްޗެއް ބުނުމުގެ ހައްޤެއް ނޯންނާނެ ކަމަށެވެ. “އެއީ އެތައް މިލިއަން ބަޔަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ތިބި ބައެއް”، ފަރާ ބުނެފައިވެއެވެ.

ފަރާ މި ޓުވީޓު ކުރިތާ މާ ގިނައިރެއް ނުވެ ކަންގަނާ ވަނީ ފަރާ ބްލޮކް ކޮށްލައިފައެވެ. އަދި ފަރާ ވަނީ އެކަން ފެންނަ ސްކްރީންޝޮޓެއް ހިއްސާކޮށް ކަންގަނާއަށް މަލާމަތްކޮށްފައެވެ. “އަމިއްލައަށް ބޮލީވުޑްގެ ރާނީ ކަމަށް ހެދިގެން އުޅޭ މީހާ އަހަރެން ބްލޮކް ކޮށްލައިފި. އަހަންނަށް އޭނަ ހިތްހަމަނުޖެހޭ އެއްޗެއް ބުނެވުނީ ކަންނޭނގެ”، ފަރާ ލިޔެފައިވެއެވެ.

ހަމައެހެންމެ، ކަންގަނާ ވެސް ވަނީ ނުސީދާކޮށް ފަރާއަށް ބަހުގެ ހަމަލާ ފޮނުވައިފައެވެ. އެގޮތުން ކަންގަނާ ބުނީ، އޭނާއަކީ ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނަ މީހެއް ކަމަށާއި، އެހެންނަމަވެސް ފާޅުގައި ބުލީކޮށް، ހަމަނުޖެހޭ ވާހަކަ ދައްކާނަމަ ބްލޮކް ކޮށްލާނެ ކަމަށެވެ. “ދުނިޔޭގެ އެއްވެސް ހިސާބެއްގަ އެކަހަލަ މީހުންގެ ބޭނުމެއް ހިފޭތަ؟”، ކަންގަނާ ސުވާލު އުފައްދާފައިވެއެވެ.

މި ޓުވީޓުގެ ރިޕްލައި އަކަށް ކަންގަނާގެ ފޭނަކު ލިޔެފައިވަނީ އެއީ ފަރާ ޚާން އަލީއަށް ނިސްބަތްކޮށް ބުނި އެއްޗެއް ކަމަށެވެ. އެއާއެކު ކަންގަނާ ވަނީ ފާޅުގައި އެކަމަށް އެއްބަސް ވެފައެވެ. “އާނ. އައިކިއު ދަށް މީހުންނާއި، މީހުން ހެއްވާލުމުގެ ބޭނުމަ ހަމަނުޖެހޭ ވާހަކަ ދައްކާ މީހުން ބްލޮކް ކުރާނަން”. ކަންގަނާ ބުންޏެވެ. މީގެ އިތުރުން ކަންގަނާ ވަނީ ފަރާ މެން ކަހަލަ މީހުންނަކީ “ކުނީގެ” ގޮތުގައި ސިފަކޮށްފައެވެ.

ކަންގަނާ ޖެހިލުމެއްނެތި ބުނެލާ އެއްޗެހިން، ބޮލީވުޑްގެ ގިނަ ބަޔަކު ވެސް ތިބީ ކަންގަނާއާ ދެކޮޅަށެވެ. މިފަހުން ބޮލީވުޑާ ގުޅުވައިގެން ދެކެވުނު ނެޕޮޓިޒަމްގެ ވާހަކަ ވެސް އާންމުންގެ ސަމާލުކަމަށް ގެނައި މީހަކީ ކަންގަނާއެވެ. އަދި މިހާރު ކަންގަނާ އަންނަނީ ބޮލީވުޑާއި މަސްތުވާތަކެއްޗާ ގުޅުވައިގެން ވާހަކަ ދައްކަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!